ދުނިޔެ

ލަންކާގެ ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި މިއަހަރު މިހާތަނަށް 2.35 ބިލިއަން އެމެރިކާ ޑޮލަރު!

މުހައްމަދު އައުޒަމް

ލަންކާގެ ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި މިއަހަރު މިހާތަނަށް 2.35 ބިލިއަން އެމެރިކާ ޑޮލަރު ލިބިެއްޖެ ކަމަށް އެ ގައުމުން ބުނެފިއެވެ.

ލަންކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެ ގައުމަށް މިދިޔަ ސެޕްޓެމްބަރު މަހު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 181 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

ހިސާބުތަކުން ދައްކާ ގޮތުން އެ ގައުމަށް މިއަހަރު ގެ މިހާތަނަށް ފާއިތުވެދިޔަ ނުވަމަހުގެ ހިސާބު ދައްކާގޮތުން އާމްދަނީގެ ގޮތުގައި 2.35 ބިލިއަން ޑޮލަރު ވަނީ ރެކޯޑު ކުރެވިފައެވެ. މިއީ އެގައުމަށް މިދިޔަ އަހަރުގެ މިދުވަސްތަކުގައި ލިބުނު އާމްދަނީއަށްވުރެ 61.2 އިންސައްތަ އިތުރު އަދަދެކެވެ.

ލަންކާއަށް ސެޕްޓެމްބަރު މަހު 122،140 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ލަންކާގެ މިއަހަރު 2 މިލިއަން ފަތުރުވެރިންނަށް އަމާޒު ހިފާފައިވާއިރު އެގައުމަށް މިއަހަރު ނިމޭއިރު ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 3.5 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ލަންކާގެ އާ ސަރުކާރުން ވެސް ވަނީ އެގައުމަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން އެގައުމަށް އެތެރެވާ ފަތުރުވެރިންނަށް ވިސާ ލިބުމުގައި އޮންނަ ދަތިކަން ވަނީ ފިލުވާލާފައެވެ.