ދުނިޔެ

ސައުދީ ޝާހީ އާއިލާއިން ޚަޝޯގީގެ އާއިލާއާ ބައްދަލުކޮށްފި

މުހައްމަދު އައުޒަމް

މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓުގައި އިހާނެތިކޮށް އެތަކެއް އަނިޔާއެއްދީ މަރާލައިފައިވާ ކަމަށް ސައުދީން އެއްބަސްވެފައިވާ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ އާއިލާގެ ބައެއް ބޭފުޅުންނާ ސައުދީގެ ޝާހީ އާއިލާއިން ބައްދަލުކޮށްފިއެވެ.

ސައުދީ ޝާހީ އާއިލާގެ ބޭފުޅުން ވަނީ ޚަޝޯގީގެ އާއިލާގެ ބައެއް މެމްބަރުންނާ ބައްދަލުކޮށް ޚަޝޯގީ މަރުވުމުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެ ތައުޒިޔާ ކިޔައިފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވީ ޚަޝޯގީގެ ދޮށީ ދަރިކަލުން ސަލާހް ޚަޝޯގީ އަދި ޚަޝޯގީގެ އަރިސް ބޭފުޅެއް ކަމުގައިވާ ސަހްލު ބިން އަހުމަދެވެ. ސައުދީ ޝާހީ އާއިލާގެ ފަރާތުން ބައިވެރިވެފައިވަނީ ސައުދީ ރަސްގެފާނުގެ އިތުރުން ދަރިކަލުން މުހައްމަދު ބިން ސަލްމާނެވެ.

ޚަޝޯގީގެ މަރުގެ ފަހަތުގައި ސައުދީގެ ޝާހީ އާއިލާގެ އަތެއްވާކަމަށް ބުނަމުންދާ ވަގުތެއްގައި ދެ އާއިލާ ބައްދަލުކުރުމުން އެތައްބަޔަކަށް ވަނީ ހައިރާންކަމެއް ގެނުވައިފައެވެ.

ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް އެތައްފަހަރަކު މަސައްކަތް ކޮށްފައިވެއެވެ.

ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ވަނީ އިސްތަމްބުލްގައި ހުންނަ ސައުދީ ކޮންސުލޭޓު ޖެނެރަލްގެ ގޭގެ ބަގީޗާގައި ކޮނެފައިވާ ވަޅުގަނޑެއްގެ ހޯދައިގަނެވިފައެވެ. ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ އިރު ތުރުކީގެ ޤާނުނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސައުދީން މިކަމުގެ ޒިންމާ ނަގަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.