މުހައްމަދު އައުޒަމް
އިސްރާއީލުން ގާޒާގެ މިސްކިތަކަށާއި ސްކޫލަކަށް ހަމަލާދީ 26 މީހުން މަރާލައިފިއެވެ.
ފަލަސްތީނުގެ ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސިފައިން ވައިގެ މަގުން ދިން ހަމަލާގައި މިސްކިތެއްގެ އިތުރުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އާންމުން ދިރިއުޅުނު ސްކޫލަކުން 26 މީހުން މަރާލާފައިވާކަން ޔަގީންކޮށްދީފައެވެ. އެ ހަމަލާގައި ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އެ ހަމަލާގައި 93 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން ވަނީ އިއްޔެ ދިން އެ ހަމަލާއަކީ ހަމާސްގެ ކޮމާންޑް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ތަންތަނަށް ދިން ހަމަލާއެއް ކަމުގައި ބުނެފައެވެ.
މިފަހުން އިސްރާއީލުން ގާޒާގައި ހިންގަމުންގެންދާ ލާއިންސާނީ ހަނގުރާމައަށް އިއްޔެ އަހަރެއް ވެފައިވާއިރު މިހާތަނަށް 41،870 މީހުން މަރާލާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.