ދުނިޔެ

ގޭންގު ހަމަލާއެއްގައި ހެއިޓީ އިން 70 މީހުން މަރުވެއްޖެ

މުހައްމަދު އައުޒަމް

ގޭންގު ހަމަލާއެއްގައި ހެއިޓީ އިން 70 މީހުން މަރުވެއްޖެއެވެ.

މެދުތެރޭ ހެއިޓީގެ ޕޮންޓް ސޮންޑޭ ޓައުންގައި ހިނގި އެ ހާދިސާގައި އެގައުމުގައި ހަރަކާތްތެރިވާ ވަރުގަދަ ގްރާން ގްރިފް ގޭންގުން ދިން ހަމަލާގައި 70 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ތުއްތު ތިން ކުދީންނާއި 10 އަންހެނުން ހިމެނޭ ކަމަށް އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އެޖެންސީން ބުނެއެވެ.

ހާދިސާ ހިނގި ޓައުނަކީ ދާދި ފަހުން ސިލްސިލާކޮށް ގޭންގު ހަމަލާތައް ހިންގަމުންދާ ޓައުނެއް ކަމަށް އޮފިޝަލުން ބުނެެއެވެ.

ދެ ގޭންގު ދެމެދު ހިނގާފައިވާ އެ ހަމަލާތަކުގައި 16 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާއިރު ހެއިޓީގެ ފުލުހުންނާ ދެމެދު ވެސް ބަޑީގެ ހަމަލާތަކެއް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެޓައުނުގެ 45 ގެއެއްގައި ގޭންގު މެންބަރުން ރޯކޮށްފައިވެއެވެ. އަދި 34 ވެހިކަލެއްވެސް ބޭނުން ނުކުރެވޭ ވަރަށް ރޯކޮށްލާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ހެއިޓީގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުން ވަނީ މިހާތަނަށް 6000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ.

ހެއިޓީގެ ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ވެސް ވަނީ އެ ސަރަހައްދު ނާމާންވެފައި ވުމުގެ ސަބަބުން މީހުން ސަލާމަތް ކުރުމުގައި ދަތިތަކެއް ހުރިކަމަށް ބުނެފައެވެ.