ދުނިޔެ

ދޫނި ރޯގާ ޖެހިގެން ވިއެޓްނާމު ޒުލަކުން 47 މިނިކާވަގު މަރުވެއްޖެ

މުހައްމަދު އައުޒަމް

ދޫނި ރޯގާ ޖެހިގެން ވިއެޓްނާމު ޒުލަކުން 47 މިނިކާވަގު މަރުވެއްޖެއެވެ.

ވިއެޓްނާމުގެ ދެކުނުގެ އަވަށެއްގައި ހުންނަ އެ ޒުލުގައި 47 މިނިކާވަގުގެ އިތުރުން ތިން ސިންގާ އާއި ޕެންތާ އެއްވެސް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ދޫނިރޯގާ އެޗް5އެން1 ގައި އެގައުމުގެ ޒޫތަކުން ޖަނަވާރުތައް މަރުވަމުން އަންނަ ކަމަށާއި މިހާތަނަށް އޮގަސްޓާއި ސެޕްޓެމްބަރު މަހުގައި ގިނަ ޖަނަވާރު ތަކެއް މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ވިއެޓްނާމުގެ ނެޝަނަލް ސެންޓާ ފޯ އެނިމަލް ހެލްތު ޑައިގްނޯސިސް އިން ވަނީ މަރުވެފައިވާ ޖަނަވާރުތަކުން ނެގި ސާމްޕަލްތަކުން، އެ ޖަނަވާރުތައް މަރުވެފައިވަނީ ދޫނިރޯގާގެ ސަބަބުން ކަމަށް ޔަގީން ވެފައިވާ ކަމަށް ބުނެފައެވެ.

ޒޫތަކުން ޖަނަވާރުތައް މަރުވާން ފެށުމާ އެކު ދޫނިރޯގާގެ އަސަރު އެއްވެސް މުވައްޒަފަކަށް ފޯރާފައިވޭތޯ ބެލުމުގެ މަސައްކަތް މިހާރު އޮފިޝަލުން ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވިއެޓްނާމުގެ އެކި ޒޫތަކުގައި 385 މިނިކާވަގު ގެންގުޅެއެވެ. އޭގެތެރެއިން 310 މިނިކާވަގު ގެންގުޅެނީ އަމިއްލަ ފަރާތްތަކުން ހިންގާ 16 ޒުލެއްގައި ކަމަށާއި ބާކީ ހުރި މިނިކާވަގުތައް ހުންނަނީ ސަރުކާރުން ބަލަހައްޓާ ތަންތަނުގައެވެ.