އެޗްޑީސީ

ކޭޝްފްލޯ މައްސަލައާ ގުޅިގެން އެޗްޑީސީ މުވައްޒަފުންގެ މަސައްކަތު ގަޑިއަށް ބަދަލުތަކެއް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޭޝްފްލޯ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ އިތުރު ވަގުތު މަދުކޮށް، މަސައްކަތްކުރާ ވަގުތަށް ބަދަލު ގެނެސްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިފް ސޮއި ކުރައްވައި، ފޮނުއްވި މެމޯއަކުން ހުރިހާ މުވައްޒަފުންނަށް ވަނީ އެކަން އަންގައިފައެވެ.

އެ މެމޯގައި ވަނީ އެޗްޑީސީގެ ކޭޝްފްލޯ ހުރި ގޮތުން ކުންފުނީގެ ރަސްމީ މަސައްކަތު ގަޑި އިރުއޮއްސި 6:00 އާ ހަމައަށް ހަމަޖައްސާފައިވާ ކަމަށް ބުނެ، އިތުރު ވަގުތު މަދުކޮށް ރަސްމީ ގަޑީގެ އިތުރުން ކުރާ މަސައްކަތްތައް މަދުކޮށްދިނުމަށް އެދިފައެވެ.

އޭގެ އިތުރުން އެޗްޑީސީގެ އެއްވެސް މަސައްކަތެއް އިރުއޮއްސި 6:00 ގެ ފަހުން ކުރާ ނަމަ އެކަން ދުރާލައި އަންގައި ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ހުއްދައާއެކު ނޫނީ ކުރިއަށް ނުގެންދިއުމަށް ވެސް އެދިފައިވެއެވެ. ނަމަވެސް ޝިފްޓު ޑިއުޓީގައި މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތުގެ ގަޑިއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ މެމޯގައިވެއެވެ.

އެޗްޑީސީގެ ކޭޝްފްލޯ ދަށްވުމާ ގުޅިގެން ކަމަށް ބުނެ، ހުޅުމާލެއިން ގޯތި ވިއްކުމަށް ވެސް ހަމަޖެހިފައިވެއެވެ. ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ފޯމް ބަލައިގަތުމުގެ މަސައްކަތް މެދުކަނޑާލުމަށް ފަހު، އެ މަސައްކަތް ވެސް ފަހުން އެޗްޑީސީއާ ހަވާލުކުރިއެވެ. ނަމަވެސް އެ މަސައްކަތް އެޗްޑީސީން އަދި ފަށާފައެއް ނުވެއެވެ.