ޚަބަރު

ބިންވެރިޔާ ސްކީމުގެ މައްސަލަތަައް އެޗްޑީސީން ފުލުހުންނަށް ހުށަހަޅައިފި

ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ މައްސަލަތަައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު، އެއްބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެ ކޯޕަރޭޝަނަށް ހުށަހަޅަމުންދާތީ، އެކަން އެ ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސް، އެކަން އިތުރަށް ބަލައި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

"މިގޮތުން 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާ ގުޅޭގޮތުން ހާއްސަ އޮޑިޓެއްކޮށް، އެ އޮޑިޓުން، 'ބިންވެރިޔާ' ސްކީމާ ގުޅޭ މިފަދަ އިތުރު މައްސަލަތަކެއް ފާހަގަވެފައިވާތީ، އެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތަށް މި ކޯޕަރޭޝަންގެ ފަރާތުން ހުށަހަޅާފައިވާކަން މައުލޫމާތަށްޓަކައި ދަންނަވަމަވެ..،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ ކުރިއަށްއޮތް ތަނުގައިވެސް، އެފަދަ ކަންކަން ބަލައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެ ކޯޕަރޭޝަނުގެ ފަރާތުން އަޅަމުން ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ، ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ނަޒާހަތްތެރިކަމާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީން ބުންޏެވެ.

އެއްބިމަކަށް އެއް ފަރާތަށްވުރެ ގިނަ ފަރާތްތަކުން އިމާރާތްކުރުމުގެ ހުއްދައަށް އެދި އެޗްޑީސީއަށް ހުށަހަޅާ މައްސަލަ ފުރަތަމަ ފެންމަތިވެފައިވަނީ، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުހައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިމެއް ދިން މައްސަލައިގައި ސޯޝަލް މީޑިއާގައި އެކަމާ ގުޅޭ ލިޔުންތަކެއް ލީކުކޮށްލުމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.