އެންޓި ކޮރަޕްޝަން ކޮމިޝަން

އިތުބާރު ހިފޭ މަގާތަކުގައި ތިބޭ ފަރާތަކުން ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފި

އިބްރާހިމް ޒަކީ

2

ސިޔާސީގޮތުން ވަކި ފައިދާ ހޯދުމަށް، ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންފަދަ، ރައްޔިތުންގެ އިތުބާރު ހިފޭ މަގާތަކުގައި ތިބޭ ފަރާތަކުން ވާހަކަ ނުދެއްކުމަށް ހިއުމަންރައިޓްސް ކޮމިޝަން (އޭސީސީ)ން އިލްތިމާސްކޮށްފިއެވެ.

އޭސީސީން މިކަމަށް އިލްތިމާސްކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެނގޭ ކަމަށާއި އެ ހިޔާނާތުގެ ފައިސާ ލިބުނު މަޖިލިސް މެންބަރުން ވެސް އެނގޭ ކަމަށް ވިދާޅުވެ، 18 ވަނަ ރައްޔިުންގެ މަޖިލީހުގެ ދެ މެންބަރަކު ނިއުސް ކޮންފަރެންސެއްްގައި ދެއްކި ވާހަކަ ތަކަކާ ގުޅިގެން އޭސީސީއަށް ހާޒިރު ކުރުމުން، އެފަދަ އެއްވެސް ކަމެއް ނޭނގޭކަމަށް ބަޔާންދީފައިވާތީ، ނެރުނު ބަޔާނެއްގައެވެ.

އޭސީސީން ބުނެފައި ވަނީ، ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތައް އަދާކުރަމުންދާ ފަރާތްތަކުން ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ ގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

މީގެ ކުރިންވެސް މިފަދަ ބައެއް ވާހަކަތަކާ ގުޅިގެން ކޮމިޝަނަށް ހާޒިރު ކުރެވުނު ބައެއް ފަރާތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ތިބެމެ، އެކަށީގެންވާ މިންވަރަށް މައުލޫމާތު ހޯދުމެއްނެތި، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ދައްކާފައިވާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

މިފަދަ ކޮންމެ މައްސަލައެއްގެ ތަހުގީގަށް އެ ފަރާތްތައް ހާޒިރުކުރުމުން ކޮމިޝަނަށް ދިފައިވާ މައުލޫމާތުތަކުން އެވާހަކަތައް ދައްކާފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން އެނގޭއިރު، އެއްވެސް މައްސަލައެއްގެ ތަހުގީގު ކުރިޔަށް ގެންދެވޭވަރަށް މައުލޫމާތުވެސް ދީފައިނުވާ ކަމަށެވެ.

"އެހެންކަމުން ރައްޔިތުންގެ އިތުބާރު ހިފޭ މިފަދަ މަގާތަކުގައި ތިބޭ ފަރާތްތަކުން ދައްކާ ވާހަކަތަކީ ވަކި ބަޔެއްގެ މަސްލަހަތު ހިމާތަތްކުރުމަށް އަދި ސިޔާސީ ގޮތުން ވަކިފާއިދާ އެއް ހާސިލްކުރުމަށް ދައްކާ ވާހަތަކަކަށް ނުހެދުމަށާއި ޒިންމާދާރުކަމާއެކު ވާހަކަތައް ދެއްކުމަށާއި ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކުރާ،" ކަމަށް އޭސީސީގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީން މިހެން ބުނެފައިވާއިރު، މީގެކުރިން ޕީއެންސީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެމްއެމްޕިއާރުސީގެ ހިޔާނާތުގެ ފައިސާއަށް ވީގޮތް އެނގިވަޑައިގަންނަވާ ކަމަށާއި އެ ފައިސާ ލިބުނު މަޖިލިސް މެންބަރުން އެނގިވަޑައިގަންނަވާކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ އާއި، 18 ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެނބަރު އަލީ އާރިފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެ ބޭފުޅުން އޭސީސީއަށް ހާޒިރު ކުރުމުން އެކަން ނޭނގޭކަމަށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟