އިބްރާހިމް ޒަކީ
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި ހިޔާނާތުގެ އެ ފައިސާ ބޭނުންކުރި މީހުންގެ ލިސްޓުވެސް އެނގިވަޑައިގަންނަވާކަމަށް، ޕީއެންސީގެ ލީޑަރު އަބުދުއްރަހީމް އަބުދުﷲ އާއި، އަލީ އާރިފް ވިދާޅުވި މީގެކުރިން ވިދާޅުވި ނަމަވެސް، އެވާހަކަ ތަކަކީ އެކަމާ ގުޅުންހުރި އެއްވެސް ކަމެއް އެނގިވަޑައިގެން ދެއްކެވި ވާހަކަތަކެއްނޫން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެ ދެބޭފުޅުން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް، އަދި ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވެފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ލާރީގެ ވާހަކަ އެ ދައްކަނީއެއްނޫންތޯ؟ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕް ނުނަގާތޯ އެފައިސާއެއް؟ ކޮންބައެއްތޯ ނެގީ؟ ކޮންބަޔަކާތޯ ހަވާލުކުރީ؟ މިވާހަކަ ރަނގަޅަށް ދައްކަވައިލައްވަން އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގަންނަވަންވީނޫންތޯ އަޅުގަނޑުމެންނާއެކު؟ އޭރުން އަޅުގަނޑުމެން ނިކަން ރަނގަޅަށް ދައްކައިލާނަން. އަޅުގަނޑުމެންނަށް އިނގޭތީއޭ މިވާހަކަ މިދައްކަނީ." އަދުރޭ ވިދާޅުވި އެވެ.
މި ނިއުސްކޮންފަރެންސްގައި އަދުރޭގެ އިތުރުން، ނިމިގެން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވެސް ވަނީ، އެ ފައިސާ ލިބިވަޑައިގެންނެވި މެންބަރުން އެނގިވަޑައިގަންނާ މޭރުމުން ވާހަކަ ދައްކަވައިފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ހިޔާނާތުގެ ފައިސާ ލިބިވަޑައިގަތް ކަމުގެ ތުހުމަތު އޭނާ ކުރެއްވިއެވެ. މި މައްސަލައާ ގުޅިގެން އެ ދެބޭފުޅުން އޭސީސީއަށް ހާޒިރު ކުުރުމުން ދެއްވި ޖަވާބު އޭސީސީން ވަނީ މިއަދު އާއްމު ކޮށްފައެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި އެ ބޭފުޅުންގެ ނަން ނުހިމަނުއްވައި ބުނެފައިވަނީ، 18 ފެބުރުއަރީ 2019 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގެ ދެ މެންބަރު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެގި މީހުންނާއި ފައިސާ ހަވާލުކުރި ފަރާތްތައް އެނގޭފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ އެ ދެމެންބަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރިކަމަށެވެ.
އޭސީސީން ބުނިގޮތުގައި، އޭގެ ތެރެއިން އެއް މެންބަރަކު، ހާޒިރު ކުރުމުން، އެ ފައިސާ ލިބުނީ ކޮން ބަޔަކަށްކަން އަދި ވަކި ބަޔަކަށް ލިބުނުކަން ނޭނގޭކަމަށާއި، އެއީ، ސިޔާސީ ގޮތުން ދައްކާފައިވާ ވާހަކައެއް ކަމަށްވަނީ ބުނެފައެވެ. އަދި އާންމުކޮށް ސިޔާސީ މަޝްރަހުގައި އެހެން މީހުން ވެސް ވާހަކަ ދައްކަނީ ހަގީގަތް ބަލައިގެން ނޫންކަމަށާއި ސިޔާސީގޮތުން އެ ވަގުތެއްގައި ދައްކަން ބޭނުން ވާހަކައެއް ދައްކާނެ ކަމަށް ބުނެފައިވެއެވެ. އަދި އެމްއެމްޕީއާރުސީގެ ފައިސާ ބެހި ވާހަކަ އެ މެންބަރަށް އަޑުއިވުނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށާއި، އެ ވާހަކަ ދެއްކީ ސީދާ ކާކުކަމެއް ނުވަތަ ވާހަކަ ދެއްކި އިރު ސީދާ ވަކި މީހަކަށް ފައިސާ ލިބުނުކަމެއް ފާހަގަކުރިކަމެއް ބުނެދޭން ނޭނގޭކަމަށް އެމެންބަރު ވިދާޅުވި ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ މެންބަރުންނަން ލިބުނުކަމަށާއި، ލިބުނީ ކިހާވަރެއްކަމާއި އެ ފަރާތްތަށް އެނގޭކަމަށް ދޭހަވާ މޭރުމުން ދައްކާފައިވާ ވާހަކަތަކަކީ އެ ފައިސާ ލިބުނު މީހުންނާއި އެ ފަރާތްތަކަށް ލިބުނީ ކިހާވަރެއްގެ ފައިސާއެއްކަން އެނގިގެން ދެއްކި ވާހަކައެއްނޫން ކަމަށް ދެވަނައަށް ހާޒިރުކުރި މެންބަރުވެސް ވިދާޅުވެފައިވާކަމަށެވެ. އަދި އެއީ ސިޔާސީގޮތުން އޭނާ ދެއްކި ވާހަކަތަކެއް ކަމަށާއި މީޑިއާތަކާއި އެކި މީހުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ދެއްކި ވާކަތަކެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް އެ ފައިސާ ލިބުނުކަމަށް ބުނެ އެއްވެސް މީހަކު ވާހަކަ ދެއްކި އަޑެއް ވެސް އަހާފައިނުވާކަމަށް މެންބަރު ވިދާޅުވި ކަމަށް އޭސީސީން ބުނެފައިވެއެވެ.