ދުނިޔެ

މައްސަލަޖެހި އުދުހުން މަނާކޮށްފައިވާ 737 މަރުކާގެ ފްލައިޓުތަކުގެ ސޮފްޓްވެއަރ އަޕްގްރޭޑްކޮށްފި

މުހައްމަދު އައުޒަމް

މައްސަލަޖެހި އުދުހުން މަނާކޮށްފައިވާ 737 މަރުކާގެ ފްލައިޓުތަކުގެ ސޮފްޓްވެއަރ އަޕްގްރޭޑްކޮށްފިއެވެ.

މަތިންދާބޯޓު އުފައްދާ ބޯއިންގ ކުންފުނިން ހާމަކުރާގޮތުން ބޯއިންގ 737ގެ ފްލައިޓުތަކުގެ ސޮފްޓްވެއަރ އަޕްގްރޭޑް ކޮށްފައިވަނީ ދާދިފަހުން 737 ވެއްޓުމުގެ ދެހާދިސާއެއްގައި އެތައްސަތޭކަ ބަޔަކު މަރުވުމާގުޅިގެން މުޅިދުނިޔެއިން 737 ގެ ފްލައިޓުތައް އޮޕަރޭޓުކުރުން މަނާކުރުމުންނެވެ.

ބޯއިންގއިން ބުނިގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ފްލައިޓުތައް އޮޕަރޭޓް ކުރެވޭވަރު ވާނެއެވެ.

އޭވިއޭޝަން ރެގިއުލޭޓަރީ ބޯޓުތަކުން އަދިވެސް ދަނީ 737 އަށް ދިމާވި މައްސަލަތަކުގެ ސަބަބުން ގިނަ ސުވާލުތަކެއް ކުރަމުންނެވެ.

ބޯއިންގ އިން ވަނީ ހުރިހާ ސުވާލުތަކައް ޖަވާބުދާރީވާނެކަމަށާއި، ފްލައިޓުތަކުގެ ސަލާމަތީކަންކަން ފުރިހަމަކުރާނެކަމަށް ބުނެފައެވެ.

ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން ( އެފްއޭއޭ ) އިން ވަނީ 737 ގެ ދަތުރުތައް ފެށުމުގެ ކުރިން ޕައިލެޓުން އިތުރަށް ތަމްރީނުކުރުމަށް އެދިފައެވެ. އަދި ރެގިއުލޭޓަރީ ބޯޑުތަކުންނާއި އެއާލައިންތަކުން އިތުރަށް ރިވިއު ކުރަންޖެހޭ ކަންކަން ރިވިއު ކުރުމަށް ވަނީ އެދިފައެވެ.

ދާދިފަހުން އިންޑޮނީޝިއާ އަދި އިތިއޯޕިއާގައި 737ގެ ފްލައިޓު ވެއްޓުނު ހާދިސާގައި 346 މީހުން މަރުވެފައިވާއިރު މައްސަލަ ދިމާވިކަމަށް ބެލެވެނީ ފްލައިޓުގެ އޮޓޯސިސްޓަމް އަށް ދިމާވި މައްސަލައަކާގުޅިގެން އަމިއްލައަށް ފްލައިޓު ތިރިވުމުގެ ސަބަބުންނެވެ.