ޗައިނާއިން ހަނދަށް ދާ މީހުންގެ ސޫޓު ދައްކާލައިފިއެވެ.
ދަ ޗައިނާ މޭންޑް ސްޕޭސް އެޖެންސީ (ސީއެމްއެސްއޭ) އިން ހޮނިހިރު ދުވަހު ދައްކާލި އެސޫޓަކީ އެގައުމުން ހަނދަށް މީހުން ފޮނުވުމަށް 2030 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ބައިވެރިން ބޭނުންކުރާނެ ސޫޓު ކަމަށް އޮފިޝަލުން ބުނެއެވެ.
ސީއެމްއެސްއޭ އިން ވަނީ އެ ސްޕޭސް ސޫޓް އުފައްދާފައިވަނީ ރައްކާތެރިކަމުގެ ހާއްސަ މެޓީރިއަލަކުން ކަމަށާއި ހަނދުގައި ހުންނަ ފިނިހޫނުމިނަށް ވެސް އެސޫޓު ރައްކާތެރިވާނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން ހަނދުގެ ހިރަފުހުންވެސް އެސޫޓުން ރައްކާތެރިކޮށްދޭނެ ކަމަށް ސީއެމްއެސްއޭ ބުނެއެވެ.
ސީއެމްއެސްއޭ އިން ބުނެފައިވާ ގޮތުގައި އެސޫޓުގައި ވާ ގިނަ ފަންކްޝަންތަކެއް އެކުލެވޭ ކޮންޓްރޯލް ޕެނަލް ބޭނުންކޮށްގެން ފަސޭހަކަމާއެކު ހަނދުގައި އުޅެވޭނެ އެވެ. އޭގައި ހުންނަ ކެމެރާތައް ބޭނުންކޮށްގެން ދުރާއި ކައިރި ބެލޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ޗައިނާއިން ދައްކާލި ސްޕޭސް ސޫޓަކީ ހަނދުގެ މާހައުލަށް އެކަށޭނަ އަދި ހަނދުގެ ގްރެވިޓީއަށް ވެސް ބެލެންސް ވާނެ ސޫޓެއް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.