ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ މައްސައްކަތް ނިންމައި މިއަހަރުގެ ޖުލައި މަހު ދަތުރުތައް ފަށާނެ ކަމަށް ޓްރާންސް ޕޯޓް މިނިސްޓްރީން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ.
އަދި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މިއަހަރުގެ ޖުލައި މަހު އާންމު ދަތުރުތައް ފެށޭނެ ކަމަށް ޒުހައިރު ވިދާޅުވިއެވެ. މިހާރު ކުރިއަށްދަނީ އެއާޕޯޓްގެ ޓާމިނަލް އެޅުމުގެ މަސައްކަތެވެ.
ކުޅުދުއްފުށީ އެއާޕޯޓް ހަދާފައި ވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކުއެވެ. މި އެއާޕޯޓް މިދިޔަ އަހަރު ހުޅުވި ނަމަވެސް ބޭނުންވާ ވަސީލަތްތައް ހަމަނުވުމުގެ ސަބަބުން އާންމު ދަތުރުތައް މިހާތަނަށް ފެށިފައެއް ނުވެއެވެ.
ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަށް ކުރީގެ ރައީސް ޔާމީން ވައުދުވެވަޑައިގަތީ 2013 ގެ ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގެ ފަހު އަހަަރުގައި އެއާޕޯޓް އަޅައި ނިންމި ނަމަވެސް ޓާމިނަލްގެ މަސައްކަތް ނިންމާފައެއް ނުވެއެވެ.
ހުސްވި 2018އިގެ ރިޔާސީ ކެމްޕެއިންގެ އެންމެ ފަހު ދަތުރުފުޅު ރައީސް ޔާމީންކުރެއްވީ ކުޅުދުއްފުށީ އެއާޕޯޓަށް ޖެއްސި ޓެސްޓް ފްލައިޓުގައެވެ.