ކުޅުދުއްފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް އަލުން ހަދާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) އިން އިއުލާންކޮށްފިއެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލް ހަދާނެ ބަޔަކު ހޯދަން އެ ކުންފުނިން އިއުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެކަމާ ގުޅިގެން މިއަދު އާރުއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެށުމުގެ ފަހު މުއްދަތަކީ އަންނަ އަންގާރަ ދުވަސް ކަމަށެވެ.
އެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފުތާ 14"ގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ފަސިންޖާ ޓާމިނަލަކާއި ފަސިންޖާ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއް ލުމަށާއި މިހާރު ބޭނުންކުރަމުންދާ ފަސިންޖާ ޓާމިނަލުގެ ސްޓްރަކްޗާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.
އޭގެ އިތުރުން، އެއާޕޯޓު ސަރަހައްދުގައި ޕާކިން އޭރިއާއަކާއި ފަސިންޖަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަންވެސް އެ މަޝަރޫއުގެ ދަށުން ގާއިމުކުރާނެ ކަމަށް އާރުއޭސީއެލުން ބުންޏެވެ.
އާރުއޭސީއެލުން ބުނީ ކުޅުދުއްފުށީ އެއާޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަން ޖެހޭ ހިދުމަތްތައް ދެނެގަތުމަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެންވެސް އެންމެ އިސްކަން ދެއްވާ އެއް މަޝްރޫއު ކަމަށެވެ. އަދި އަލަށް ހަދާ ޓާމިނަލުގައި ފަސިންޖަރުންނަށާއި އާންމު ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެކުލެވިފައިވާނެ ކަމަށް މުބީން ވިދާޅުވި ކަމަށް އާރުއޭސީލުން ބުންޏެވެ.
އެ ހިދުމަތްތަކުގެ ތެރޭގައި ނަމާދު ކޮޓަރިއާއި ފާހާނާއާއި މައިންނަށް ހާއްސަ ކޮޓަރީގެ އިތުރުން ކެފޭގެ ހިދުމަތްތައްވެސް ހިމެނޭނެ ކަމަށް އާރުއޭސީއެލުން ބުންޏެވެ.