ޚަބަރު

ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށީ އެއާޕޯޓު ފެންސުގައި ޖެހި އެކްސިޑެންޓެއް

ކުޑަކުއްޖަކު ދުއްވި ޕިކަޕެއް ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފެންސުގައި ޖެހި އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުޅުދުއްފުށީގައި ދުއްވި ޕިކަޕެއް ފެންސެއްގައި ޖެހޭ މަންޒަރު ފެންނަ ވީޑިއޯއެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ބެލި ބެލުމުން އެ ޕިކަޕު ދުއްވާފައިވަނީ 18 އަހަރު ނުފުރޭ ކުއްޖެއްކަން އެނގިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ޕިކަޕު ޓޯކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ފެންނަގޮތުގައި އެއާޕޯޓު ފެންސުގައި ޕިކަޕު ޖެހިފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ކޮންޓްރޯލު ނުކުރެވިގެންނެވެ. ފެންސުގައި ޖެހުމުން ޕިކަޕު ދުރުކޮށް، އެ ސަރަހައްދު ދޫކޮށް ދުއްވާފައި ދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެެއެވެ.