ސްރީލަންކާގައި އިއްޔެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ވަނީ ބާއްވައިފައެވެ. މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ސަތާރަ މިލިޔަން މީހުންގެ ތެރެއިން ތޭރަ މިލިޔަން މީހުން ވޯޓުލާން ނުކުމެފައިވެއެވެ. މިއީ ނިސްބަތުން ވަރަށްވެސް މަތީ އަދަދެކެވެ. ވޯޓު ގުނުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޮޑުތަނުން ކުރީގައި އުޅުއްވާ ކެންޑިޑޭޓަކީ އަނޫރާ ކުމާރަ ޑިސަނާޔަކައެވެ. މިއަދު ހެނދުނާ ހަމައަށް ގުނައި ނިމުނު ވޯޓަށް ބަލާއިރު ގާތްގަޑަކަށް 47 އިންސައްތަ ހޯއްދަވާފައިވަނީ ޑިސަނާޔަކައެވެ. އެންމެ ބޮޑު އިދިކޮޅު ލީޑަރުގެ ގޮތުގައި މިހާތަނަށް ހުންނެވި ސަޖިތު ޕްރެމަދާސަ އުޅުއްވަނީ 28 އިންސައްތަޔާއެކު ދެވަނައިގައެވެ. މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ އުޅުއްވަނީ އަދި އެއަށްވުރެވެސް ނިކަމެތިކޮށް 15 އިންސައްތަޔާއެކު ތިންވަނައިގައެވެ.
ނަތީޖާތައް ފެންނަގޮތުން އެއްކަމެއް މިހާރު ވަނީ ކަށަވަރުވެފައެވެ. އެއްވަނަ ހޯއްދަވާނީ ޑިސަނާޔަކައެވެ. އެކަމަކު ވޯޓު ގުނައިނިމޭއިރު އޭނާއަށް ފަންސާސް އިންސައްތައަށްވުރެ މަތިން ހޯއްދެވޭނެކަން ކަށަވަރެއް ނޫނެވެ. ރައީސްކަމަށް ހޮވެން ފަންސާސް އިންސައްތަ ފަހަނަޅައިދިއުން މަޖުބޫރެވެ. ލަންކާގައި ދެވަނަ ބުރެެއްގެ ވޯޓުލުމެއް ނޯންނާނެއެވެ. ފުރަތަމަ ބުރުން މިކަން ނިމޭނެއެވެ. އެއްވެސް ބޭފުޅަކަށް ފަންސާސް އިންސައްތަ ނުހޯއްދެވިއްޖެނަމަ ދެން އަމަލުކުރާނެ އުސޫލުވެސް ވަރަށް ސާފެވެ. ކޮންމެ ކަރުދާސްކޮޅެއްގައި ތިން ކެންޑިޑޭޓަކަށް ވޯޓުދޭން އޮވެއެވެ. ރައީސަކަށް ހުންނަން އެންމެ ބޮޑަށް ތާއީދުކުރެވޭ މީހާޔާއި ދެވަނައަށް ތާއީދު ކުރެވޭ މީހާޔާއި ތިންވަނައަށް ތާއީދު ކުރެވޭ މީހާއެވެ. އެއްވެސް ކެންޑިޑޭޓަކަށް ފަންސާސް އިންސައްތަ ނުހޯއްދެވިއްޖެނަމަ އެންމެ ފުލަށް ދިޔަ ދެ ކެންޑިޑޭޓުން ބާކީކޮށްފައި ދެން ބަލާނީ އެއްވަނައާއި ދެވަނައަށް ދިޔަ ކެންޑިޑޭޓުންގެ ތެރެއިން ދެވަނަ ކެންޑިޑޭޓެއްގެ ގޮތުގައި އެންމެ ގިނަބަޔަކު ބަލައިގަތީ ކާކުތޯއެވެ.
ނަތީޖާ ނެރޭނީ އެގޮތަށް ބަލައިގެންނެވެ. އެގޮތަށް ބެލިކަމުގައިވިޔަސް ޑިސަނާޔަކައަށްވުރެ މައްޗަށް އެހެން ކެންޑިޑޭޓަކަށް އެރޭނެކަމަށް ނުބެލެވެއެވެ. އެހެންވީމާ އޭނާގެ ސަޕޯޓަރުން މިހާރުވެސް ވަނީ އުފާ ފާޅުކުރަން ފަށައިފައެވެ. ހިނގާފާނެ ހަމަނުޖެހުމަކަށްޓަކައި މުޅި ގައުމުގައި ވަނީ ކާފިޔުވެސް ހިންގައިފައެވެ. އިގްތިސާދީގޮތުން ބޮޑު ވަޅުގަނޑަކަށް ވެއްޓި ދަރަނިވެރިވެފައިވާ ސްރީލަންކާގެ ކަންކަން ހަމަޔަކަށް އެޅުވުމުގެ ޒިންމާ ހަވާލުކުރެވޭ ޑިސަނާޔަކައަކީ ކޮންބޭފުޅެއް ބާވައެވެ. ގިނަބަޔަކު އޭނާ ދަންނަނީ އޭކޭޑީގެ ނަމުންނެވެ. އެއީ އަނޫރާ ކުމާރަ ޑިސަނާޔަކަ، މި ތިންނަން ފެށޭ ތިން އަކުރެވެ. އުމުރަކީ 56 އަހަރެވެ. ނިސްބަތުން ޒުވާން ބޭފުޅެކެވެ. އެކަމަކު ސިޔާސީ ކަންކަމުގެ ތަޖުރިބާ ނުހަނު ބޮޑެވެ. އޭނާއަކީ މިހާރުވެސް ޕާލަމެންޓުގެ މެންބަރެކެވެ. މެދުނުކެނޑި ޕާލަމެންޓުގައި އިންނަވާތާ ސައުވީސް އަހަރު ވެއްޖެއެވެ.
ކުރީގެ ރައީސެއްކަމުގައިވާ ޗަންދްރިކާ ކުމާރަތުންގާގެ ވެރިކަމުގައި ދަނޑުވެރިކަމާބެހޭ ވަޒީރުކަންވެސް އޭނާ ވަނީ ކުރައްވަައިފައެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައިވެސް ޑިސަނާޔަކަ ވަނީ ޖޭވީޕީގެ ޓިކެޓްގައި ވާދަކުރައްވައިފައެވެ. ޖުމްލަ ވޯޓުގެ އެންމެ ތިން ޕަސަންޓާއެކު އޭނާއަށް އެފަހަރު ލިބިވަޑައިގަތީ ތިންވަނައެވެ. އެއީ އޭރުގެ ހާލަތެވެ. ޑިސަނާޔަކާގެ ޕާޓީއަކީ ޖަނަތާ ވިމުކްތީ ޕެރެމުނާ (ޖޭވީޕީ) އެވެ. އޭނާއަކީ އެޕާޓީގެ ލީޑަރެވެ. ޕާލަމެންޓުގައި ޖޭވީޕީއަށް ލިބިފައިވާ ގޮނޑީގެ އަދަދަށް ބަލާއިރު އެއީ ކުޑަކުޑަ ޕާޓީއެކެވެ. އެންމެފަހުގެ އިންތިޚާބުގައިވެސް ލިބިފައިވަނީ އެންމެ ތިން ގޮނޑިއެވެ. އެކަމަކު ހަގީގަތުގައި ޖޭވީޕީއަކީ ކުޑަ ޕާޓީއެއް ނޫނެވެ. ބޮޑު ޕާޓީއެކެވެ. އެ ޕާޓީގެ ހަރުކަށި ފިކުރާއި ސިޔާސަތު ބައްޓަންކުރެވިފައިވާ ގޮތުން އިންތިޚާބުތަކުގައި މާބޮޑުކަމެއް ނުކުރެވެނީއެވެ.
ޖޭވީޕީއާމެދު ބެލެވެނީ ކޮމިއުނިސްޓް ޕާޓީއެއް ކަމުގައެވެ. މިނިވަން ވިޔަފާރިއާ ދެކޮޅު ޕާޓީއެއް ކަމުގައެވެ. ރައީސް ޕްރެމެދާސާގެ ޒަމާނުގައި ޖޭވީޕީ ވުޖޫދުން ފޮހެލުމަށް ހިންގުނު ހަރަކާތްތަކުގެ ތެރޭގައި ވަރަށް ބޮޑު ލޭއޮހޮރުވުންތަކެއްވެސް ވަނީ ހިނގައިފައެވެ. އެހެންވީމާ ޖޭވީޕީގެ ނަމަކީ އެންމެންގެ ސިކުނޑީގައިވެސް ހަރުލާފައިވާ ނަމެކެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބަށް ޖޭވީޕީ ނުކުތީ ކުދިކުދި އެހެން ޕާޓީތައްވެސް ހިމެނޭގޮތުން ނެޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) ގެ ނަމުގައި ބޮޑު ކޯލިޝަނަކާއެކުގައެވެ. މިދެންނެވި އެންޕީޕީ ކޯލިޝަނުގެ ކެމްޕޭން ޝިއާރަކީ ގައުމުން ކޮރަޕްޝަން ފުހެލުމެވެ. ޑިސަނާޔަކަ ކެމްޕޭން ކުރައްވަމުން ގެންދެވީ ގައުމުން ކޮރަޕްޝަން ނައްތާލައި ހަމަމަގަށް އެޅުވުމަށް އޭނާނޫން އެހެން އިޚުތިޔާރެއް ނެތްކަމުގެ ވާހަކައިންނެވެ. ކުރީގެ ވެރިންނާއި އެމީހުންގެ ދަރިން ވެރިކަމަށް ގެނެސްގެން ގައުމު ދުވަހަކުވެސް އިސްލާހު ނުކުރެވޭނެކަމުގެ ވާހަކައިންނެވެ.
ވެރިކަމަށް އިންތިޚާބުކުރެވޭތާ މަދުވެގެން 45 ދުވަހުގެ ތެރޭގައި މިހާރުގެ ޕާލަމެންޓް އުވާލައި އައު ޕާލަމެންޓެއް އިންތިޚާބު ކުރާނެ ކަމަށްވެސް ގެންދެވީ ވިދާޅުވަމުންނެވެ. މިހާރުގެ ޕާލަމެންޓްގެ ކޮންޓްރޯލް އޮތީ ރާޖަޕަކްސާއިންގެ އަތުގައެވެ. ރާޖަޕަކްސާއިންނަކީ އިގްތިސާދީ ވަޅުގަނޑަކަށް ގައުމު ވައްޓައިލި މީހުންކަމަށް ރައްޔިތުން ގަބޫލުކުރެއެވެ. އެހެންވީމާ ޑިސަނާޔަކަ ދައްކަވަމުން ގެންދެވި ވާހަކަފުޅުތައް ރައްޔިތުންނަށް މާބޮޑަށްވެސް ކަމުދިޔައީއެވެ. ބަލައިގަންނަން ފަސޭހަވީއެވެ. ގައުމު އިސްލާހުކުރެވޭނީ އޭނާއަށްކަން ގަބޫލު ކުރެވުނީއެވެ. ފަސްބައިގައި ލައްގަނޑެއްނެތް މީހަކަށް ފެނުނީ އޭނާއެވެ. ވަރަށްބޮޑު ތެދެކެވެ. ޑިސަނާޔަކާގެ ފަސްބައިގައި ކޮރަޕްޝަނުގެ ލައްގަނޑެއް ނެތެވެ. އޭނާގެ އާއިލާއާމެދު ކުރެވޭ ތުހުމަތުތަކެއްވެސް ނެތެވެ. ކުރި ވެރިކަމެއްވެސް ނެތެވެ.
ޑިސަނާޔަކާގެ ބައްޕަޔަކީ އާދައިގެ ނިކަމެތި ލޭބަރެކެވެ. މަންމަޔަކީ ކުދިންބަލަން ގޭގައިއިން އަންހެނެކެވެ. ޑިސަނާޔަކައަކީ އޭނާގެ މުޅި އާއިލާއިންވެސް ޔުނިވަރސިޓީ ޑިގްރީއެއް ހާސިލްކުރި ފުރަތަމަ މީހާއެވެ. އާއިލާއިން އެކަންޏެއް ނޫނެވެ. އޭނާގެ އުފަން އަވަށުންވެސް ޔުނިވަރސިޓީއެއްގެ ހަފޮޅުން އެތެރެވި އެންމެ ފުރަތަމަ މީހަކީ އެއީއެވެ. މަތީ ތައުލީމް ހާސިލްކުރީ ލަންކާގެ ޔުނިވަރސިޓީއެއް ކަމުގައިވާ ކެލާނިޔާގައެވެ. އެވެސް ޕެރަދެނިޔާ ޔުނިވަރސިޓީގައި ކިޔަވާންއުޅެ އެހެން ފަރާތްތަކުގެ އުނދަގޫ ބޮޑުވެގެން އެތަނުގައި ނޫޅެވިގެންނެވެ. އޭނާ ޑިގްރީ ހާސިލްކުރީ ފިޒިކަލް ސައިންސްގެ ދާއިރާއިންނެވެ. މިކަންކަން މިހެންހުރީމާ ޑިސަނާޔަކައަކީ ރައްޔިތުންގެ ފައިސާގައި ޖެހިފައިނުވާ އިޚުލާސްތެރިއެއްކަމަށް ބަލަން ފަސޭހަވެއެވެ. ޑިސަނާޔަކައާ ޚިލާފަށް މިފަހަރުގެ އިންތިޚާބުން ދެން ފެނުނީ ޚާންދާނީ ބޮޑުންނެވެ. ކުރީގެ ވެރިންނާއި އެމީހުންގެ ދަރިންނެވެ. ކޮރަޕްޝަނުގެ ހުރިހާ ބާވަތެއްގެ ތުހުމަތު އެޅުވިފައިވާ ބޭފުޅުންނެވެ.
ސަޖިތު ޕްރެމަދާސައަކީ ކުރީގެ ރައީސެއް ކަމުގައިވާ ރާނަސިންހަ ޕްރެމަދާސަގެ ދަރިކަލުންނެވެ. ނަމާލް ރާޖަޕަކްސައަކީ ކުރީގެ ރައީސެއް ކަމުގައިވާ މަހިންދަ ރާޖަޕަކްސާގެ ދަރިކަލުންނެވެ. ދެން ހުންނެވީ މިހާރުގެ ރައީސެވެ. ބޮޑުވަޒީރުކަންވެސް ހަފަހަރެއްގެ މަތިން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހާއެވެ. އޭނާއަކީ ކުރީގެ ރައީސެއް ކަމުގައިވާ ޖޭއާރް ޖަޔަވަރުދަނާއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެހެންވީމާ ރައްޔިތުން މިފަހަރު އެ ނިންމި ނިންމުން ވަރަށް ސާފެވެ. ޚާންދާނީ ވެރިކަމާއި ކޮރަޕްޝަނަށް އެބުނީ ނޫނެކޭއެވެ. އާފެށުމަކުން ފަށައިގަތުމަށް އެބުނީ އާނއެކޭއެވެ. ދެންއޮތީ ޑިސަނާޔަކާ ގެންގުޅުއްވާނެ ސިޔާސަތެއް ދެނެގަތުމަށް އިންތިޒާރެއްގައި ތިބުމެވެ. އޭނާއަކީ ކުރިން ކޮމިއުނިސްޓަކަށްވިޔަސް ބިރުގަންނަންޖެހޭ މާބޮޑު ސަބަބެއް އޮތްކަމަށް ނުފެނެއެވެ. ޗައިނާއިން ވަރަށް ރުހޭ ބޭފުޅަކަށް ވެދާނެއެވެ. އިންޑިޔާއިން ވަރަށް ކަންބޮޑުވާ ބޭފުޅަކަށް ވެދާނެއެވެ. އެކަމަކު ޖުމްލަކޮށް އަވަށްޓެރިން ބިރުގަންނަންޖެހޭ ސަބަބެއް ނުފެނެއެވެ.