އަބްދުއްލަތީފް މުހައްމަދު

މެންބަރު ލަތީފުގެ ސުވާލެއް އަދުރޭ އާއި ނިހާނަށް: މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވިންތޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވައްދަން އިދިކޮޅުން ތައްޔާރުވަމުން އަންނަ އިރު، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެ ލިޔުމުގައި ސޮއިކުރެއްވިންތޯ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ސުވާލުކުރައްވައިފި އެވެ.

ލަތީފު އަދުރޭ އަދި ނިހާނާ އެސުވާލު ކުރެއްވީ އެދެބޭފުޅުން ޓެގްކުރައްވައި މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ މަޖިލީހަށް ވަންދަން ނިންމާފައިވާ އިރު އެ ލިޔުމުގައި 45 މެންބަރުން ސޮއިކުރައްވައިފައިވާ ކަމަށް އިދިކޮޅު މެންބަރަކު ވަނީ "ވަން އޮންލައިން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ހިމެނިވަޑައިގަންނަވާ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ލިޔުމުގައި ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ސޮއިކުރައްވާފައިވާ އިރު، މެންބަރު ލަތީފު ވަނީ އިތުރު ސުވާލެއް ވެސް އަދުރޭ އަދި ނިހާނަށް ކުރައްވައިފަ އެވެ.

އެ ގޮތުން އަދުރޭ އާއި ނިހާން މަސީހުގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވިންތޯ ސުވާލު ކުރެއްވުމުގެ އިތުރުން، ލިސްޓުގައި ޕީޕީއެމްގެ އެހެން މެންބަރުން ސޮއިކުރެއްވުމަށް ކުޅުއްވީ ކޮން ދައުރެއްތޯ ވެސް ލަތީފު ވަނީ ސުވާލު ކުރައްވައިފަ އެވެ.

ލަތީފުގެ ޓުވީޓުގައި އަދުރޭ އާއި ނިހާނަށް ނިސްބަތްކުރައްވައި އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް އަދީބު އުޅުއްވި އިރު ވެސް ތި ދެބޭފުޅުންނާއި އަލީ އާރިފު ގެ ދައުރެއް އޮތް ކަމަށް އަޑު އިވުނު ކަމަށެވެ.

މެންބަރު ލަތީފު މި ގޮތަށް ޓުވީޓު ކުރައްވާފައިވާ އިރު، ނައިބު ރައީސް ކަމުގެ މަގާމުގައި އަހުމަދު އަދީބު ހުންނެވި ދުވަސްވަރު ރައީސް ޔާމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އުޅުނު ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. އަދި ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް އެކަމުގައި އަދީބަށް ބައިއަތު ހިއްޕެވި ކަމަށް ވެސް އަޑުތައް ފެތުރިފައިވެ އެވެ. ހަމަ އެއާކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ކުރީން މަސައްކަތް ކުރި ފަހަރު ތަކުގައި ވެސް ޕީޕީއެމް ޕާލިމެންޓުގެ ސީނިއަރ ބައެއް މެންބަރުން އެކަމަށް ހިތްވަރުދެއްވައި އަޑިއަޑިން ދައުރެއް އަދާކުރެއްވި ކަމުގެ ވާހަކަތައް ފެތުރިފައިވެ އެވެ.

މަޖިލީހުގެ ރައީސް މަސީހު މަގާމުން ވަކިކުރަން މައްސަލަ ވައްދަނީ 45 މެންބަރުންގެ ސޮޔާއެކު ކަމަށްވީ ނަމަވެސް، ވޯޓު ނަގާ ދުވަހު އިތުރު އެތައް މެންބަރުންތަކެއް ވޯޓުގައި ބައިވެރިވެ މަސީހު ވަކިކުރަން ވޯޓު ދޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.