އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށާއި، އެބޭފުޅެއްގެ އަނަބި، ފިރި، އަދި 18 އަހަރު ނުފުރޭ ކުދިންނަށް މަޖިލިސް މެންބަރުންނަށް އޮންނަ ފަދައިން ހެލްތު އިންޝުއަރެންސް އާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ދޭން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނަށް ވަކި ވަކިން މިގޮތަށް ތިން އިސްލާހެއް ހުށަހަޅުއްވާފައިވަނީ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ، އަށްވަނަ މާއްދާގެ (ޅ)އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސްފަރުވާ ކޮށްދޭންވާނެ ކަމަށާއި، މެންބަރުކަން ކޮށްފައިވާ މީހަކު ބޭނުންނަމަ މި ހެލްތު އިންޝުއަރެންސް ސްކީމަށް، ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ އުފަންކުދީން ބައިވެރި ކުރެވެން ވާނެ ކަމަށެވެ.
މިގޮތުން ބައިވެރިކުރާ ފަރާތަށް ދައްކަންޖެހޭ އިންޝުއަރެންސް ޕްރިމިއަމް ދައްކާނީ އެމީހަކު އަމިއްލައަށް ކަމަށް ވެސް އިސްލާހުގައި ވެއެވެ.
ގާނޫނުގެ އެ މާއްދާގައި މިހާރު ބުނެފައި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝިއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ.
ލަތީފް ދެން ހުށަހަޅުއްވާފައިވަނީ، އަށްވަނަ މާއްދާގެ (ކ)ގައި މަޖިލިސް މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަަކަށް އޮފިޝަލް ޕާސްޕޯޓް ލިބެންވާނެ ކަމަށް އޮތް މާއްދާ އިސްލާހުކޮށް، މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށާއި، ފިރިމީހާ އަދި އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށާއި، މި ޕާސްޕޯޓް ހެދުމުގެ ހަރަދު ހަމަޖައްސާނީ އެމީހަކު އަމިއްލައަށް ކަމަށް ކަނޑައެޅުމަށެވެ.
ގާނޫނުގައި މިހާރު އޮންނަގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭނީ، ހަމައެކަނި މަޖިލީހުގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށެވެ.
މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅަކަށް ދޭންޖެހޭ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ މާލީ އިނާޔަތް މެންބަރުކަމުން ވަކިވާހިސާބުން ފެށީގެން ދޭނެ ޖެހޭނެ ކަމަށްވެސް ލަތީފް ވަނީ ގާނޫނަށް އިސްލާހު ހުށަހަޅުއްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އެއް ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް މާލީ އިނާޔަތްތަކުގެ ގޮތުގައި ރައްޔތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި، ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ 30 ޕަސެންޓް ދައުލަތުން ދޭން ޖެހޭނެ ކަމަށެވެ. އަދި ދެދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް 45 ޕަސެންޓް ލިބެން ޖެހޭނެ ކަަމަށް (ށ)ގައި ބުނެފައިވެއެވެ.
ނަމަވެސް މި މާއްދާގެ (ނ)ގައި މިހާރު އޮންނަގޮތުން މި އިނާޔަތްތައް ލިބޭނީ މެންބަރުކަމުން ވަކި ވިޔަސް އުމުރުން 55 އަހަރު ފުރުމުންނެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަނީ، ރައްޔިތުންގެ މަޖީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއާޕޯޓުން ވީއަޕީ ސާވިސް ވެސް ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެކަމަށެވެ.