ދުނިޔެ

މެލޭޝިޔާ އިމިގްރޭޝަންގެ 49 އޮފިސަރުން ހައްޔަރުކޮށްފި

މުހައްމަދު އައުޒަމް

މެލޭޝިޔާ އިމިގްރޭޝަންގެ 49 އޮފިސަރުން ހައްޔަރުކޮށްފިއެވެ.

މެލޭޝިޔާގެ އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ އެ 49 އޮފިސަރުން ހައްޔަރު ކޮށްފައިވަނީ އެގައުމަށް މަސައްކަތު މީހުންގެ ގޮތުގައި ގަވާއިދާ ހިލާފަށް އެތެރެވާ ގިނަބަޔަކު އެތެރެ ކުރުމުގައި އެހީތެރިވެދީފައިވާތީ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ 49 އޮފިސަރުންގެ ތެރޭގައި އެގައުމުގެ އިމިގްރޭޝަންގެ ސީނިއާ އޮފިސަރުން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. އޭގެތެރޭގައި އިމިގްރޭޝަންގައި މަސައްކަތް ކުރާތާ 20 އަހަރުވެފައިވާ މީހުން ވެސް ހިމެނޭ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

މެލޭޝިޔާގެ އިމިގްރޭޝަންގެ އެ މައްސަލަ ބަލަމުންދަނީ އެގައުމުގެ އެންޓި ކޮރޮޕްޝަން ކޮމިޝަނުންނެވެ. އެކޮމިޝަނުން ވަނީ އެގުރޫޕުގެ އެންމެ އިސްކޮށް ހުރީ އިމިގްރޭޝަންގެ ސީނިއާ އޮފިސަރެއް ކަމަށްވެސް ފާހަގަކޮށްފައެވެ.

ތަހުގީގުން ވަނީ އިމިގްރޭޝަން އޮފިސަރުން ގުޅިގެން އެ މީހުން އެތެރެ ކުރުމުގައި ފޭކު ޑޮކިއުމަންޓްތައް އުފައްދައި އޭގެ ބޭނުންކޮށްގެން ވަކި ހާއްސަ ކައުންޓަރުތަކުގައި މީހުން އެތެރެކޮށްފައިވާކަން ފާހަގަވެފައެވެ. އަދި މީގެ އިތުރުން އޮފިސަރުންނަށް ހަދިޔާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށްވެސް ތަހުގީގުން ހާމަވެފައިވެއެވެ.