ސެމްސަންގް ފެކްޓްރީގައި މަސައްކަތްކުރާ އިންޑިއާ މީހުން މުޒާހަރާ ކުރަން ފަށައިފިއެވެ.
އިންޑިއާގެ ޗެންނާއީގައި ހުންނަ ސެމްސަންގްގެ ފެކްޓްރީގައި މަސައްކަތް ކުރާ 1500 އަށްވުރެ ގިނަ މަސައްކަތްތެރިން ވަނީ ޓަމިލްނާޑޫގައި މުޒާހަރާ ކުރަން ފަށައިފައެވެ.
މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ އެ މީހުން ގުޅިގެން އުފައްދާފައިވާ ޔޫނިއަން ސެމްސަންގް އިން ބަލައިގަތުމަށް ގޮވާލައިފައެވެ. ދަ ސެމްސަންގް އިންޑިއާ ލޭބާ ވެލްފެއާ ޔޫނިއަން ނަމުން ނަންދީފައިވާ އެޔޫނިއަން އަކީ އެގައުމުގެ ސެމްސަންގް ފެކްޓްރީތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންކަމުގައި ވަކާލާތު ކުރުމަށް އުފައްދާފައިވާ ޔޫނިއަންއެކެވެ.
ސެމްސަންގް އިންޑިއާ އިން ވަނީ އެފެކްޓަރީގައި މަސައްކަތް ކުރާ ފަރާތްތަކުން މުޒާހަރާކުރުން ބަލައިނުގަނެވޭ ކަމަށާއި އެ މަސައްކަތްތެރިންނަކީ އެ މީހުން އެންމެ އިސްކަމެއް ދޭ މީހުން ކަމަށް ބުނެ ބަޔާނެއްވެސް ނެރެފައެވެ.
އިންޑިއާގެ ފުލުހުން ވަނީ މުޒާހަރާ ކުރާ ފަރާތްތަކުގެ ތެރެއިން 104 މީހުން ގަވާއިދާ ހިލާފަށް މުޒާހަރާ ރޭވިކަމުގެ ކުށުގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިންޑިއާގައި ހުންނަ ސެމްސަންގްގެ ދެ ފެކްޓަރީ އަކީ ސެމްސަންގްގެ ސާމާނު އުފައްދާ އެންމެ ބޮޑު އެއް ފެކްޓަރީއެވެ. އަހަރަކު 12 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ފެކްޓަރީ މެދުވެރިކޮށް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.