ދުނިޔެ

ނޫސްވެރިޔާ ޚަޝޯގީ ވަނީ އިހާނެތިކޮށް މަރާލާފައި: އުރުދުޣާން

މުހައްމަދު އައުޒަމް

މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓަށް ދިޔަފަހުން ވީނުވީއެއް ނޭނގި ގެއްލުނު ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީ މަރާލެވިފައިވާ ގޮތް ތަފްސީލުކޮށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ކިޔައިދެއްވައިފިއެވެ.

ތުރުކީގެ ޤާނުނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވިދާޅުވީ ޚަޝޯގީ ވަނީ އިހާނެތިކޮށް އެތަކެއް އަނިޔާއެއްދީ މަރާލައިފައެވެ. މިކަންތައް ފޮރުވުމަށް ސައުދީން އެތައް ކަމެއް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް އުރުދުޣާން ވަނީ ސައުދީން ހުރިހާ ހަގީގަތެއް ހާމަކުރުމަށް ގޮވާލައިފައެވެ.

އުރުދުޣާން ވިދާޅުވީ ޚަޝޯގީ މަރާލުމުގެ އެއް ދުވަސް ކުރިން ސައުދީން 15 މީހުންގެ ޓީމެއް އެގައުމަށް އެތެރެވެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ތިން މީހަކު އައީ އަމިއްލަ ޖެޓެއްގައި ކަމަށްވެސް އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ވިދާޅުވީ ޚަޝޯގީ މަރާލުމުގެ އެއް ދުވަސް ކުރިން ކޮންސުލޭޓު މުވައްޒަފުންތަކެެއް އިސްތަމްބުލް ބޭރުގައި އޮންނަ ދެ ސަރަހައްދަކަށް ޒިޔާރަތް ކުރި ކަމަށެވެ. މިއީ ދުރާލާ ރޭވިގެން ހިންގި ޖަރީމާއެއް ކަމަށް އުރުދުޣާން ސިފަކުރެއްވިއެވެ.

އުރުދުޣާން ވިދާޅުވީ ޚަޝޯގީ ކޮންސުލޭޓު ތެރެއަށް ވަނުމުގެ ކުރިން އެތަނުގެ ސެކިއުރިޓީ ކެމެރާތައް ނިއްވާލާފައިވާ ކަމަށެވެ. ޚަޝޯގީ ކޮންސުލޭޓަށް ވަނުމަށްފަހު ހިނގައިދިޔަ ހަމަނުޖެހުމުގައި އޭނާ މަރާލި ކަމަށް ސައޫދީން އެއްބަސްވާ އިރު ޚަޝޯގީ މަރުވީ ސީދާ ކިހިނެއް ކަމެެއް ސައުދީން ނެރުނު ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އުރުދުޣާން ވަނީ ސައުދީން ނެރުނު ބަޔާން ދޮގުކޮށްފައެވެ. އަދި މިކަމުގެ ހަގީގަތް އެނގިގެން ދާނެ ކަމަށް ވިދާޅުވިއެވެ.

ޚަޝޯގީ މަރާލިކަމުގެ އިނގިލި ސައުދީއާ ދިމާލަށް ދިއްކުރެވިގެންދާ އިރު ސައުދީ ސަރުކާރުން ދަނީ މިކަމުން ރެކެވޭނެ ގޮތެއް ހޯދާ ބަލަމުންނެވެ. ސައުދީގެ ދާހިލީ ވަޒީރު ވިދާޅުވީ ޚަޝޯގީ މަރާލުމުގައި ޒިންމާވާ އެންމެން ހޯދާ އަދަބު ދޭނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެގައުމުގެ އިންޓަލިޖެންސްގެ ބައެކެވެ. އުރުދުޣާން ވަނީ މިކަމުގައި ޝާމިލްވާ އެންމެން ހޯދައި ޚަޝޯގީގެ ގާތިލުންނަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭކަމަށް ގޮވާލައިފައެވެ.

ޚަޝޯގީ ފާހަގަކޮށްލެވެނީ ސައުދީގެ ވަލީއަހުދުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ސައުދީން ޚަޝޯގީ ހައްޔަރުކުރުމަށް މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެމެރިކާގެ ހިމާޔަތުގައި ހުންނަތާ ވަނީ އަހަރެއްހާ ދުވަސްވެފައެވެ.

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް މިމަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތަށް ޚަޝޯގީ ވަތް ފަހުން، ނުނުކުންނަ ކަމަށެވެ.