ލުބުނާނުގައި ޕޭޖަރުތަކެއް ގޮވައި 8 މީހަކު މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި، ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުން ދިޔަ ޕޭޖަރުތައް ގޮވުމުގެ ހާދިސާތަކުގައި މަރުވި 8 މީހުންގެ އިތުރުން، 3000 އާ ގާތްކުރާ އަދަދެއްގެ މީހުނަށް އެކިވަރުގެ އަނިޔާތައް ވަނީ ވެފައެވެ.
އަނިޔާވި މީހުންގެ ތެރެއިން 200 އަށްވުރެ ގިނަ މީހުންގެ ހާލު ދެރަކަމަށް އޮފިޝަލުން ބުނާއިރު މަރުވި މީހުންގެ އަދަދުވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ.
ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އިން ވަނީ އެ ހަމަލާ އަކީ އިސްރާއީލުން ދީފައިވާ ހަމަލާއެއް ކަމަށާއި އެކަމުގެ ބަދަލު ހިފާނެ ކަމަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.
ޕޭޖަރުތަކަށް ދިން ހަމަލާގައި ހިޒްބުﷲގެ ހަނގުރާމަވެރީންގެ ބަޔަކު ވެސް މަރުވެފައިވާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ލުބުނާނުގައި ހުންނަވާ އިރާނުގެ އެމްބެސަޑަރު ގެންގުޅުއްވި ޕޭޖަރުވެސް ގޮވާފައިވާކަމަށާއި އެ ހަމަލާގައި އެމްބަސަޑަރަށް އަނިޔާވެފައިވާކަމަށްވެސް އިރާނުން ވަނީ ބުނެފައެވެ.
އަލްޖަޒީރާ އިން ވަނީ ލުބުނާނުގައި އެކި މީހުން އާންމުކޮށް ބޭނުންކުރާ ޕޭޖަރުތައް ގޮވާފައިވަނީ އެ ޑިވައިސްތައް ހެކްކޮށްގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުކޮށްފައެވެ.
ޕޭޖަރުތަކަކީ ލުބުނާނުގެ ހިޒްބުﷲ ގެ ހަނގުރާމަވެރިންގެ އިތުރުން ލުބުނާނުގެ އާންމުންވެސް ބޭނުންކުރާ ޑިވައިސް އެކެވެ. ޕޭޖަރު ބޭނުން ކުރުމުން އެހެން މީހަކު ގުޅަން ބޭނުންވާ ކަމުގެ މެސެޖެއް އެ ޑިވައިސަށް އާދެއެވެ. ޕޭޖަރުތަކަކީ މޯބައިލް ފޯނު ގޮތަށް ޓްރެކް ކުރެވޭނެ ޑިވައިސްތަކެއް ނޫން ނަމަވެސް އެޑިވައިސްތައް ބަގް ކޮށް ހެކްކޮށްގެން އެވަރުގެ ހަމަލާއެއް ދިން ގޮތާއި މެދު އެކްސްޕާޓުން ވަނީ ސުވާލު އުފައްދާފައެވެ.