ސައްދާމް ހުސައިންގެ ވެރިކަމުގެ ދުވަސްވަރު އިރާގުގައި 1995 ވަނަ އަހަރު ރިޔާސީ އިންތިޚާބެއް ބޭއްވިއެވެ. ޖުމްލަ ވޯޓުގެ 99.96 އިންސައްތަ ކާމިޔާބު ކުރެއްވީ ސައްދާމް ހުސައިނެވެ. އޭނާ ހަމައެކަނި ރިކޯޑް އަޣުލަބިއްޔަތެއް ހޯއްދެވީއެއް ނޫނެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާން ނުކުތް މީހުންގެ ނިސްބަތަކީވެސް ރިކޯޑެކެވެ. ވޯޓުލެވޭ އުމުރުގެ 99.47 އިންސައްތަ މީހުން ވޯޓުލާން ނުކުމެފައިވެއެވެ. އެއީ ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާ އަދަދުތަކެވެ. އެއީ ސައްދާމުގެ ވެރިކަމުގައި ބޭއްވުނު ފުރަތަމަ އިންތިޚާބެވެ. އިރާގުގައި ރިޔާސީ ދައުރެއްގެ ދިގުމިނަކީ ހަތް އަހަރެވެ. އެހެންވީމާ ދެން އިންތިޚާބެއް ބޭއްވުނީ 2002 ވަނަ އަހަރުއެވެ. އަސްތާއެވެ. ކުރީފަހަރަށްވުރެވެސް އެފަހަރުގެ ނަތީޖާ މޮޅެވެ. ޖުމްލަ ވޯޓުގެ ސައްތައިން ސައްތަ ހޯއްދެވީ ސައްދާމް ހުސައިނެވެ. ވޯޓުލާން ނުކުތީވެސް ވޯޓުލެވޭ އުމުރުގެ އެންމެނެވެ. ހަމަައެކަކުވެސް ވޯޓުލާން ނުނުކުމެ ގޭގައި މަޑެއް ނުކުރެއެވެ.
ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކާގޮތުގައި ބަލިވެގެން ހަސްފަތާލުގެ އައިސީޔޫގައި އެޑްމިޓްކޮށްފައިތިބި މީހުންވެސް އެފަހަރު ވޯޓުލާން ނުކުތެވެ. އެއިން އެކަކުވެސް ސައްދާމަށް ނޫނެކޭ ނުބުނެއެވެ. މި މަންޒަރު ބަލަން ތިބެފައި މުޅި ދުނިޔެއިން ބުންޏެވެ. ތިޔައީ އިންތިޚާބެއް ނޫނެވެ. ތިޔައީ ޗަރުކޭހެކެވެ. ތިޔަ ނަތީޖާއަކީ އިންތިޚާބެއްގައި ނުކުތުން މުސްތަހީލު ނަތީޖާއެކެވެ. ކޮންމެއަކަސް ސައްދާމަށް ސައްތައިން ސައްތަ ވޯޓު ލިބިވަޑައިގެންނެވިތާ އަހަރެއް ފަހުން އޭނާގެ ވެރިކަން ނިމުނު ދުވަހު ފެނުނީ އަދި އެހެން މަންޒަރެކެވެ. މީސްތަކުން މަގުތަކަށް ނުކުމެ އުފާފާޅުކުރީއެވެ. ސައްދާމު ހުސައިންގެ ބުދުތައް ވައްޓައި މުގުރީއެވެ. އޭގެ އަހަރެއް ކުރިން ސައްތައިން ސައްތަ ވޯޓު ދިންކަމަށް ބުނާ މީހުންނެވެ. އިރާގުގެ ސައްދާމް ހުސައިން ނެރުއްވި ކަހަލަ ޖާދުވީ ނަތީޖާއެއް މިޒަމާނުގައި ދުނިޔޭގެ އެއްވެސް ގައުމެއްގެ އެއްވެސް ލީޑަރަކަށް ނެރުއްވިދާނެ ބާވައެވެ. މިއީ ދެހާސް ސައުވީސްވަނަ އަހަރެވެ.
މަތީގައިވާ ސުވާލުގެ ޖަވާބަކީ އާނއެކޭއެވެ. ނެރެވިދާނެއެވެ. އެބަނެރެއެވެ. ދެންވެސް ނެރޭނެއެވެ. މީގެ މިސާލަކީ ހިނގަމުންމިދާ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އަލްޖީރިއާގައި ބޭއްވުނު ރިޔާސީ އިންތިޚާބެވެ. އުމުރުފުޅުން 78 އަހަރުވީ ރައީސް އަބްދުލްމަޖީދު ތަބޫން ވަނީ ޖުމްލަ ވޯޓުގެ 94.7 އިންސައްތަ ކާމިޔާބު ކުރައްވައިފަައެވެ. މަލާމާތްކުރާ މީހުން މަލާމާތްކުރެއެވެ. ފާޑުކިޔާ މީހުން ފާޑުކިޔައެވެ. އެކަމަކު ކަހާ ތަން ހިރުވައިވެސް ނުލައެވެ. ރަސްމީ އިދާރާތަކުން ބުނެއެވެ. ވަރަށް އިންސާފުވެރި މިނިވަން އިންތިޚާބެކެވެ. ދެފުށް ފެންނަގޮތަށް ބޭއްވުނު ބަރާބަރު އިންތިޚާބެކެވެ. ކޮންމެއަކަސް އިރާގެކޭ އެއްފަދައިން އަލްޖީރިއާއަކީވެސް އަރަބި ގައުމެކެވެ. އިރާގު އޮންނަނީ އޭޝިއާގައެވެ. އަލްޖީރިއާ އޮންނަނީ އެފްރިކާގައެވެ. އަލްޖީރިއާއަކީ ބިމުގެ ގޮތުން އެފްރިކާގެ އެންމެ ބިޔަ ގައުމެވެ. އަލްޖީރިއާއަކީ މިއަހަރު އެފްރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުނު އެންމެ ބައިބޯ ދެވަނަ ގައުމެވެ. އަނެއް ގައުމަކީ ދެކުނު އެފްރިކާއެވެ.
ޖުމްލަ 48 މިލިއަން މީހުންގެ އާބާދީއެއް ލިބިފައިވާ އަލްޖީރިއާގައި ރައީސް އަބްދުލްމަޖީދު ތަބޫނަށް މިވަރުގެ ބޮޑު އަޣުލަބިއްޔަތެއް ހޯއްދެވުނީ ކޮންގޮތަކުން ބާވައެވެ. އެކަމުގެ ސިއްރަކީ ކޮބައިހެއްޔެވެ. ބަލައިލަމާބަހީއެވެ. ދިވެހިރާއްޖެއާ ދާދިކައިރިން ޕާކިސްތާނެކޭ އެއްގޮތަށް އަލްޖީރިއާގައިވެސް ވެރިކަމުގެ ލަގަން އޮންނަނީ ސިފައިންގެ އަތުގައެވެ. އިންތިޚާބުތަކުގައި ނެރެވޭނީ އަސްކަރިއްޔާއިން ބޭނުންވާ ނަތީޖާއެކެވެ. ސިފައިންގެ ޖެނެރަލުން ތިއްބަވާނީ ފަރުދާގެ ފުރަގަހުގަައެވެ. ފަރުދާގެ ކުރިމަތިން ދުނިޔެއަށް ފެންނާނީ މަދަނީ ބޭފުޅެކެވެ. އެކަމަކު އެބޭފުޅަކު ހުންނަވާނީ އަސްކަރިއްޔާގެ ކޮންޓްރޯލްގެ ތެރޭގައެވެ. ރައީސް އަބްދުލްމަޖީދު ތަބޫންގެ ފަހަތުގައި އޮތީ އަސްކަރިއްޔާއެވެ. މިފަހަރުގެ އިންތިޚާބުގައި އެ ނެރުނީ ސިފައިން ބޭނުންވި ނަތީޖާއެވެ. މިފަހަރު އެކަންޏެއް ނޫނެވެ. އަލްޖީރިއާގައި އަބަދުވެސް ކަންކަން ހިނގާ މަގަކީ އެއީއެވެ. ފަރަންސޭސީންގެ އަތްދަށުން 1962 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެއެވެ.
ވެރިކަމުގެ ތެރެއަށް ސިފައިން އުނދުޅި ބާނައިގެން ހަލުވާ ކޮންމެ ގައުމެއްގައި އެކަން އެގޮތަށް ކުރުމަށް ބޭނުންކުރާ ހުއްޖަތެއް އޮވެއެވެ. ޕާކިސްތާނުގައި އެ ހުއްޖަތަކީ ކަޝްމީރުގެ މައްސަލައެވެ. އިންޑިޔާއާ ދެމެދު އޮންނަ އަދާވާތްތެރިކަމެވެ. ސިފައިން ބޭނުންވާ ވެރިކަމެއް ނެތިއްޔާ ގައުމުގެ ބާރެއްވެސް ނޯންނާނޭކަމަށް ބުނެފައެވެ. ހަމައެގޮތަށް އަލްޖީރިއާގެ ސިފައިން ވެރިކަމުގެ ތެރެއަށް އުނދުޅި ބާނައިގެން ހަލުވާ ހެލުވުންތަކުގެ ހުއްޖަތަކީ ހަރުބުއް ރިމާލެވެ. ވެލީގެ ހަނގުރާމައެވެ. އެއީ އަލްޖީރިއާއަށް މިނިވަންކަން ލިބުނުތާ އެއްއަހަރު ފަހުން އަވަށްޓެރި މޮރޮކޯއާ ދެކޮޅަށް ކުރާންޖެހުނު ހަނގުރާމައެކެވެ. ބޯޑަރު މައްސަލައިގައެވެ. އަލްޖީރިއާގެ ދެ ޕްރޮވިންސެއްގެ މައްޗަށް މޮރޮކޯއިން ދައުވާކުރެއެވެ. އެހެންވީމާ ދެގައުމުގެ ލަޝްކަރުތައް އަބަދު ތިބެނީ ތައްޔާރީ ހާލަތުގައެވެ. ދެ ގައުމުގެ މެދުގައި ކުލުނެއް އިތުބާރެއް ނޯވެއެވެ. ހަނގުރާމަ ހިނގަނީ ހަނަފަސް ވެލީގެ ސަހަރާގައެވެ. އެހެންވެ ވެލީގެ ހަނގުރާމައިގެ ނަން ދެވުނީއެވެ.
ރައީސް އަބްދުލްމަޖީދު ތަބޫން ވެރިކަން ކުރައްވަނީ 2019 ވަނަ އަހަރުން ފެށިގެންނެވެ. ރައީސްކަމުގެ އިތުރުން ދިފާއީވަޒީރަކީވެސް އޭނާއެވެ. ރައީސްކަމަށް އޭނާ ވަޑައިގެންނެވީ ސިފައިންގެ ފިއްތުންތަކާހެދި އެމަގާމުން އަބްދުލްއަޒީޒު ބޫތަފްލިކާ އިސްތިއުފާ ދެއްވުމުންނެވެ. ރައީސްކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ ވަނީ ހައުސިން މިނިސްޓަރުކަމާއި ލޯކަލް ގަވަރުމަންޓް މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި ކުޑަދުވަސްކޮޅަކު ބޮޑުވަޒީރުކަންވެސް ކުރެއްވިއެވެ. ނަސީބު ދިމާކުރިގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ފާއިތުވި ފަސްއަހަރު އަލްޖީރިއާގެ މާލީ ތަނަވަސްކަން ވަނީ އިތުރުވެފައެވެ. އަލްޖީރިއާގެ އިގްތިސާދުގެ ލޭނާރަކީ ތެލާއި ގޭހެވެ. އިތުރުވި ތަނަވަސްކަމާއެކު ރައީސް ތަބޫން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ސޯޝަލް ހައުސިން ސްކީމެއް ފައްޓަވައިފައެވެ. އެހެންވިޔަސް ޒުވާނުން އޭނާއަށް ވޯޓުލާކަށް ނުނިކުމެއެވެ. ޒުވާނުން ގަބޫލުކުރާ ގޮތުގައި ވޯޓުލާން ނުކުތުމަކީ ބޭކާރު ކަމެކެވެ. އެމީހުންގެ ވޯޓު ނުގުނައެވެ.