ދުނިޔެ

ސްޕޭސް އެކްސްގެ އެސްޓްރޮނޯޓުން ޖައްވުގައި ހިނގައިފި

މުހައްމަދު އައުޒަމް

ސްޕޭސް އެކްސްގެ އެސްޓްރޮނޯޓުން ޖައްވުގައި ހިނގައިފިއެވެ.

އެސްޓްރޮނޯޓުން ޖައްވުގައި ހިނގާފައި މި ވަނީ، އަމިއްލަ ފަރާތަކުން ފަންޑުކޮށްގެން ސްޕޭސް އެކްސް މެދުވެރިކޮށް ކުރަން ހަމަޖެހިފައިވާ ޕްރައިވެޓް ސްޕޭސް ދަތުރުތަކުގެ ތެރެއިން ފުރަތަމަ ދަތުރުގަ އެވެ.

ބިލިއަނަރު ޖަރެޑް އިސާކްމަން އަދި އޭނާގެ އިންޖިނިއަރު ސާރާ ގިލިސް ވަނީ އެމީހުން ދަތުރުކުރި އުޅަނދުގެ ބޭރަށް ނިކުމެ ޖައްވުގެ ތެރޭގައި 15 މިނެޓު ހޭދަ ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްޕޭސް އެކްސް އިން ބުނެފައިވާ ގޮތުގައި އެސްޓްރޮނޯޓުން ޖައްވުގައި ހިނގުމަށް އެމީހުން ދަތުރުކުރަމުން ދިޔަ އުޅަނދުން ބޭރަށް ނިކުމެފައިވަނީ އެކަމަށް ހާއްސަކޮށް ހަދާފައިވާ ޖެކެޓެއް ލައިގެންނެވެ.

މިއީ އަމިއްލަ ބަޔަކު ފަންޑުކޮށްގެން އިންސާނުން ޖައްވުގައި ހިނގާފައިވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހިންގާފައިވާ ޖައްވީ މިޝަން ތަކަކީ ގައުމުތަކުގެ ސަރުކާރުތަކުން ފަންޑުކޮށްގެން ހިންގާފައިވާ މިޝަންތަކެވެ.

ސްޕޭސް އެކްސް އިން ވަނީ ރޭވިފައިވާ ގޮތަށް އެ ދަތުރުގެ ކަންކަން ކުރިޔަށް ދާނަމަ މިއަދުގެ ވަގުތެއްގައި އެސްޓްރޮނޯޓުން އެނބުރި ދުނިޔެއަށް އަންނާނެ ކަމަށް ބުނެފައެވެ.