ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު

"ސީޒަން ފެށެން އޮތީ ކްލަބުތަކަށް ދޭން ޖެހޭ ފައިސާ ދީ، ކްލަބު ލައިސަންސިން ފުރިހަމަ ކުރެވިގެން"

ރާއްޖޭގެ ފުޓުބޯޅަ ސީޒަން އަލުން ފެށެން އޮތީ ޓީމުތަކުގެ ކްލަބު ލައިސަންސިން ފުރިހަމަ ކުރެވިގެން ކަމަށާއި، އެކަން ކުރެވޭނެ މަގެއް ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު އެހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުއްޓިފައި އޮންނަތާ މިހާތަނަށް މިވަނީ އަހަރެއް ވާން ގާތްވެފައެވެ. އެކަމުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިންނަށްވެސް ވަނީ އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައެވެ. މިދިޔަ ސީޒަން ނިމި، އެފްއޭއެމްގެ ހިންގުންވެސް ހުއްޓުމަކަށް އައިސްފައިވުމާއެކު ކްލަބުތައްވެސް ވަނީ ފުޓުބޯޅައިން ބޭރަށް ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން މިހާތަނަށް މި ސީޒަނަށް އޭއެފްސީ ކްލަބު ލައިސަންސިން ފުރިހަމަ ކުރި ރާއްޖޭގެ ހަމައެކަނި ޓީމަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

މާޒިޔާ އޭއެފްސީ ޗެލެންޖް ލީގުގައި ވާދަކުރަން ތައްޔާރުވަމުން އަންނައިރު، އެޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް ލީގުގެ ކުޅުން ހުއްޓިފައި އޮތުމެވެ. ފީފާއިން އެފްއޭއެމް ނޯމަލައިޒްކޮށް، ކޮމިޓީގެ ޗެއާއަކަށް އަހުމަދު ޒުހޫރު އައްޔަން ކުރީ މިދިޔަ މަހުއެވެ. ކޮމިޓީއަށް ފީފާއިން އައްޔަން ކޮށްފައިވާ އިތުރު މެންބަރުންގެ ތެރޭގައި ނެކްސިއާ މޯލްޑިވްސްގެ ކޯ ފައުންޑަރު، އަދި މެނޭޖިން ޕާޓްނަރު ފަރީހާ ޝަރީފާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަލްއުސްތާޒު އަހްމަދު މުއިއްޒު އަދި އިސްމާއީލް ސިމަންއާއި އަހުމަދު އަލީ ހިމެނެއެވެ.

އެ ކޮމެޓީން މިހާރު ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކާ މަޝްވަރާ ކޮށްފައިވީ ނަމަވެސް، އަދި ފުޓުބޯޅަ ފަށަން އަލިމަގެއް ހޯދިފައެއް ނުވެއެވެ.

"ފުޓުބޯޅައިގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ފީފާއާއި އަޅުގަނޑުމެންނާވެސް މަޝްވަރާކުރެވުނު. އިތުރު ފަރާތްތަކާވެސް ފީފާއިން މަޝްވަރާކޮށް މިހާރު އޮތީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައިފަ. އެ ނޯމަލައިޒޭޝަން ކޮމިޓީން ކްލަބުތަކާވެސް ބައްދަލުކުރައްވައިފި. ހާއްސަކޮށް ފުރަތަމަ ޑިވިޝަނާވެސް ބައްދަލުކުރައްވައިފި. ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ ކްލަބުތަކުގެ ވަރަށް ބޮޑެތި ކަންބޮޑުވުން ހުރި ކަމަށް. އޭގެ ތެރޭގަ މީގެ ކުރިން އެފްއޭއެމްއިން ކްލަބުތަކަށް ދޭން ޖެހިފައި އޮތް ފައިސާ ނުދެވި އޮތުމާއެކު، ކްލަބުތަކަށް ކުޅުންތެރިންނަށް ފައިސާ ނުދެވިގެން ކްލަބު ލައިސަންސިން ފުރިހަމަ ނުކުރެވި އޮތް އޮތުންވެސް އެނގޭ،" މިނިސްޓަރު އިއްޔެގެ ޕްރެސްގައި ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމްއިން ކްލަބުތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދީ ހުރި އަދަދު ވަރަށް މައްޗެވެ. އެގޮތުން ޖުމުލަކޮށް މިލިއަނުން އެފްއޭއެމްއިން ކްލަބުތަކަށް ފައިސާ ދޭން ޖެހޭކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިނިސްޓަރު އިއްޔެ ޕްރެސްގައި ވިދާޅުވީ އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"މިކަންކަމާ ނޯމަލައިޒޭޝަން ކޮމިޓީއާއި ފީފާ އަދި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ކްލަބު ލައިސަންސް ރިނިއުކުރެވޭނެ ގޮތެއް ހޯދުމަށް. އެކަން ކުރަން ޖެހޭ. އެކަން ކުރެވެން އޮތީ ފައިސާގެ ކަންކަން ހައްލުވެގެން. އެއީ ކުޅުންތެރިންނަށްވެސް ބޭނުންވާ ފައިސާ ދީގެން. އެކަން ހައްލުވެގެން ލީގު ފެށެން އޮތީ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ހުއްޓިފައި އޮތް ނަމަވެސް، ރާއްޖޭގައި ފީފާގެ އިތުރު ޕްރޮޖެކްޓްތައް ހިންގަން މިވަގުތު ފީފާއިން ބޭނުންވާ ކަމަށެވެ. ފުޓުބޯޅަ އެފަދަ ގޮތަކަށްވެސް ފަށަން ނޯމަލައިޒޭޝަން ކޮމިޓީއާއެކު މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.