ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ދޭ މުސާރަ ބޮޑުކޮށް، އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކުޅިވަރުގައި މިހާތަނަށް ދެމުން އައި މުސާރައަށް ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. އެގޮތުން ބައެއް ކުޅިވަރުތައް ކަމަށްވާ ފުޓްސަލް ކަހަލަ ކުޅިވަރުތަކުގެ ގައުމީ ޓީމް ކުޅުންތެރީންނަށް މުސާރަ ނުދިނުންވެސް ފާހަގަކޮށްލެވެއެވެ. އެކަމަށް ޖަވާބު ދެއްވަމުން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ، ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށް، މިހާރު މުސާރަ ދޭ އުސޫލު ބަދަލުކުރަން ރިވިއުކުރަމުން އަންނަ ކަމަށެވެ.
"ގައުމީ އެތުލީޓުންނާއި ކުޅުންތެރިން އަދި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް، މިހާރު މުސާރަ ދޭ އުސޫލު ރިވިއުކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ދަނީ ކުރަމުން. ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ، 2025 ވަނަ އަހަރުގެ ބަޖެޓަށް ވާނީ ހުށަހަޅައިފައި. މާތްﷲ އިރާދަކުރެއްވިއްޔާ ގައުމީ އެތުލީޓުންނާއި އޮފިޝަލުންގެ އިންޝުއަރެންސް އަންނަ އަހަރު ހަމަޖެހިގެން ދާނެ،" އިއްޔެ ރާފިއު ވިދާޅުވިއެވެ.
މިނިސްޓަރު އެކަން ފާހަގަކުރައްވާފައިވާ އިރު، ރާއްޖޭގެ ގައުމީ ޓީމުތަކުގެ އެތުލީޓުންގެ ސިއްހީ ކަންކަމަށް އަމިއްލަ އަތުން ހަރަދުކުރަން ޖެހޭ ކަމުގެ ޝަކުވާ މީގެ ކުރިން ވަނީ ބޮޑުވެފައެވެ. އެގޮތުން ކުޅުންތެރިންނަށް އަނިޔާވުމުން ކުރަން ޖެހޭ އޮޕަރޭޝަންތައް ވެސް ބައެއް ފަހަރު އަމިއްލައަށް ކުރަން ޖެހި، ކުޅުންތެރިންނަށް ބޮޑެތި އުނދަގޫތަކެއް ފޯރާކަން ފާހަގަކުރެވިފައިވެއެވެ.
އޭގެ އިތުރުން ދާދިފަހުން ރާއްޖޭގެ ބޮޑީބޯޑިން ޗެމްޕިއަން، މުހައްމަދު ޔާމީން (ޔާންބެ) ގެ ކިޑްނީ ފެއިލްވުމުން އެހީ ހޯދުމަށް އެދިފައިވެއެވެ. އެކަމުގައި ވެސް ސަރުކާރުގެ އިންޝުއަރެންސް ޕޮލިސީއެއް ނެތުން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.