އެމެރިކާގައި މީހެއްގެ ގައިން ދޫނި ރޯގާ ފެނިއްޖެއެވެ.
އެމެރިކާގެ ސިއްހީ އޮފިޝަލުން ވަނީ އެގައުމުން ފުރަތަމަ ފަހަރަށް މީހެއްގެ ގައިން ފެނިފައިވާ ދޫނި ރޯގާގެ ކޭސް އަކީ ޖަނަވާރެއްގެ ފުށުން ފެތުރިފައިވާ ކޭސް އެއް ކަމަށް ނުބެލެވޭ ކަމަށް ބުނެފައެވެ.
އެމެރިކާގެ މިސޯރީގެ ހޮސްޕިޓަލެއްގައި އެކަހެރިކޮށް އެމީހާއަށް ފަރުވާ ދީފައިވާ އިރު، އޭނާގެ ހާލު ރަނގަޅު ކަމަށް އެގައުމުގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނެއެވެ.
މިއީ މިހާތަނަށް އެމެރިކާއިން މިއަހަރު ފެނުނު 14 ވަނަ ކޭސް ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް މިފަހަރު ފެނިފައިވާ ކޭސް އެހެން ކޭސްތަކާ ތަފާތުވާކަމަކީ މިކޭސް އާއި އެއްވެސް ޖަނަވާރަކާ ގުޅުމެއް ނެތުން ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ ސީޑީސީ އިން ވަނީ ދޫނި ރޯގާގެ ކޭސްއެއް ފެނުނު ނަމަވެސް ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ބުނެފައެވެ.