ޔޫއެފާ ނޭޝަންސް ލީގު

އިޓަލީން ފްރާންސް ބަލިކުރި މެޗުގައި ކަލަފިއޯރީއަށް އަނިޔާވެއްޖެ

ޔޫއެފާ ނޭޝަންސް ލީގުގެ، ލީގު އޭގެ ގްރޫޕް ދޭއްގައި ރޭ އިޓަލީއާއި ފްރާންސުން ކުޅުނު ފުރަތަމަ މެޗު އިޓަލީން ކާމިޔާބުކޮށްފިއެވެ.

ރޭ ފްރާންސުގައި ކުޅުނު މެޗުގައި އިޓަލީ މޮޅުވީ 3-1ގެ ނަތީޖާ އަކުންނެވެ. ރޭގެ މެޗުގައި އިޓަލީއަށް ކުރިމަތިވި ހަމައެކަނި މާޔޫސްކަމަކީ އެ ޓީމުގެ އާސެނަލް ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީއަށް އަނިޔާވުމެވެ.

ޔޫރޯ 2024 ގައި އިޓަލީއަށް މޮޅަށް ކުޅެ، މި ސީޒަނަށް އާސެނަލަށް ބަދަލުވި ކަލަފިއޯރީއަށް އަނިޔާވީ، ފްރާންސްގެ އުސްމާން ޑެމްބޭލޭގެ ބޫޓުގެ ސްޓަޑުން ޖެހިފައެވެ. ޑެމްބޭލޭއަށް އިޓަލީގެ އިތުރު ކުޅުންތެރިއަކު ކުރި ޓެކުލަކާއެކު، އޭނާގެ މިސްރާބު ބަދަލުވެގެން ގޮސް ބޫޓުން ޖެހުނީ ކަލަފިއޯރީގެ ފައިގެ ފަހަތުގައެވެ.

އެ އަނިޔާ އާއެކު ކަލަފިއޯރީ މެޗު ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އޭނާއަށް އިތުރަށް ކުރިއަށް ނުގެންދެވި ބަދަލުކުރަން ޖެހުނެވެ.

ރޭގެ މެޗުގެ 12 ވަނަ ސިކުންތުގައި ފްރާންސުން ވަނީ ލީޑު ނަގައިފައެވެ. މެދުތެރެއިން އިޓަލީ ކުޅުންތެރިއަކު ޖެހި ޕާހެއް ހޯދައި، ބްރެޑްލީ ބާކާލޯ ގޯލު ޖެހީ އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެފައެވެ. އޭގެ ފަސް މިނެޓު ފަހުން އިޓަލީން ވަނީ މެޗު އެއްވަރުކުރުމާ ގާތަށް ޖެހިލައިފައެވެ. ޑޭވިޑް ފްރެޓާސީ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ހާފު ނިމުމުގެ ކުރިން އިޓަލީން އެއްވަރުކުރީ މެޗުގެ ތިންވަނަ މިނެޓުގައެވެ. ފެޑެރީކޯ ޑިމާކޯއާއި ސާންޑްރޯ ޓޮނާލީގެ ހިތްގައިމު ވަންޓޫ ޕާހަކާއެކު، ވޮލީއެއްގައި ޑިމާކޯ ބޯޅަ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ރޭގެ މެޗަކީ ބެޓް ކުރުމުގެ އުސޫލާ ހިލާފުމުގެ މައްސަލައިގައި 10 މަހަށް ސަސްޕެންޑްވި ޓޮނާލީ، މިދިޔަ އަހަރު ސެޕްޓެމްބަރު މަހަށްފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ އިޓަލީގެ ފްރަޓޭސީ ވަނީ އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެފަހުން އިޓަލީން ލީޑު ފުޅާކުރީ ޖިއަކޯމޯ ރަސްޕަޑޯރީ، އޭރިއާ ތެރެއިން ވިލިއަމް ސަލީބާ ބީޓް ކޮށްލާފައި ޖެހި ގޯލާއެކުގައެވެ.