އިބްރާހިމް ޒަކީ
އާސަންދައިން ބޭސްދޫކުރާ ފާމަސީތައް 30 ދުވަހުގެ ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހޭގޮތަށް، އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓްރީވާ ފާމަސީތަކުން ޢަމަލުކުރަންޖެހޭ އުސޫލު ގެޒެޓް ކޮށްފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން (އެންސްޕާ)އިން ބުނީ، މި އުސޫލު ގެޒެޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ސްކީމު ގެ ދަށުން މިހާރު ޚިދުމަތް ދެމުން އަންނަ ފާމަސީތަކުން، މި ސްކީމުން ހިދުމަތްދޭ ފާމަސީތަކުގެ ދަފުތަރުގައި ރަޖިސްޓަރީ ކުރަން ޖެހޭނެ ކަމަށެވެ.
ނަމަވެސް އުސޫލުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުއްދަތުގައި މިހާރުވެސް ހިދުމަތް ދެމުން އަންނަ ގޮތަށް އެތަންތަނުން ހިދުމަތް ދެވޭނެއެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި އަލުން ރަޖިސްޓްރީ ނުކުރާ ފަރާތްތައް ދަފްތަރުން އުނި ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މި އުސޫލުގައިވާ ގޮތުން، އަލަށް ރަޖިސްޓަރީ ކުރާ ފާމަސީއެއް ނަމަ ނަމަ، ފަސްހާސް ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ވާނެއެވެ. ނަމަވެސް ރީ -ރަޖިސްޓަރީ ކުރާ ފާމަސިތަކުން ދައްކަން ޖެހޭނީ އެއްހާސް ފަސްސަތޭކަ ރުފިޔާއެވެ.
ތިރީސް މާއްދާގެ މައްޗަށް އެކުލެވޭ މި އުސޫލުގައި، ފާމަސީތައް ރަޖިސްޓަރީ ކުރެވޭނެ ގޮތް ތަކާއި، ސްކީމު ގެ ދަށުން ޚިދުމަތްދިނުން، ސްކީމު ގެ ދަށުން ދޫކުރާ ބޭހުގެ ހިދުމަތްދޭ ފަރާތުގެ މުވައްޒަފުންނާއި ފާމަސިސްޓުން، ރަޖިސްޓްރީކުރަންޖޭ ކަމަށް ކަނޑައަޅާފައިވެއެވެ.
މި އުސޫލުުގައި ބުނާގޮތުން، އެކި މައްސަލަތަކުގައި ބްލެކް ލިސްޓް ކޮށްފައިވާ ޑޮކްޓަރުންނާއި މަރުކަޒުތަކުން ލިޔެފައިވާ ބޭސް ސިޓީއަށް ސްކީ މުގެ ދަށުން ބޭސް ދޫކޮށްގެން ނުވާނެއެވެ.
ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް އެއްބަސްވެ، އެކަމަށް ބޭނުންވާ މައުލޫމާތާއި ތަމްރީނާއި ޔޫޒަރ ލޮގިން ލިބުމަށްފަހު، އެއްވެސް ސަބަބަކާ ނުލައި ފަނަރަ ދުވަހުގެ ތެރޭގައި ހިދުމަތް ނުދީފިނަމަ ފާމަސީތަކުގެ ދަފުތަރުން ވަކިކުރުމުގެ އިހުތިޔާރު އެޖެންސީއަށް ލިބިގެންވެއެވެ.
މި ސްކީމުގެ ދަށުން ބޭސް ދޫކުރަންޖެހޭނީ އެންސްޕާއިން ހުއްދަ ދީފައިވާ އަގު ލިސްޓާ އެއްގޮތަށެވެ. އަދި އަގުލިސްޓަށް ބަދަލު ގެންނާނެ އުސޫލުތައް ކަނޑައަޅާފައިވެއެވެ.
މި އުސޫލާ ހިލާފުވާ ފަރާތްތަކާމެދު ފާމަސީ ސަސްޕެންޑް ކުރުންފަދަ ފިޔަވަޅުތައް އެޅުމުގެ ބާރު އެންސްޕާއަށް ވަނީ ދީފައެވެ.