ރާއްޖެއަށް އެތެރެކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭ ގޮތަށް ޑިޖިޓަލް ސިސްޓަމެއް ހެދުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އާސަންދައިން ބޭސްހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދައްޗާއި މާލީ ތަކުލީފުތައް ކުރިމަތިނުވާނޭކަން ކަށަވަރުކުރުމަށާއި އާސަންދައިން ބޭހަށް ކުރާ ހަރަދު ކުޑަކުރުމަށް ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް، ކެބިނެޓުގެ ލަފާގެ މަތީން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރައީސް ކަނޑައެޅުއްވި ކަންކަން:
- ރާއްޖޭގައި ޕްރެސްކްރައިބްކުރެވޭ ހުރިހާ ބޭހަކީ އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން
- ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވައިލައި ނިންމުން
- ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އިން ލިބެން ހުރި ބޭސް ފެންނާނެގޮތަށް މިހާރު ތައްޔާރުކުރެވެމުންދާ ޑޭޝްބޯޑް ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމު ހަމަޖެއްސުން/ މި ބަދަލަށް ޑޮކްޓަރުން އަހުލުވެރިކުރުވުން
- އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން
- އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލުތަކުގެ ތެރެއިން އެސްޓީއޯއަށް ލިބޭނެ ގޮތް ހަމަޖެއްސުން. މިކަމުގެ ދާއިމީ ހައްލެއްގެ ގޮތުން، އެސްޓީއޯއިން ސީދާ ބޭސް އުފައްދާ ފަރާތްތައް (މެނުފެކްޗާ) މެދުވެރިކޮށް ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުން
- މާލޭގައި ގާއިމުކުރުމަށް ނިންމަވާފައިވާ ހަތަރު ޖީޕީ ކްލިނިކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން. އަދި މި ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލިމީހާ އެދުމުން އެސްޓީއޯއިން އެ މީހާއަށް ބޭސް ފޯރުކޮށްދޭނެ އިންތިޒާމު ހަމަޖެއްސުން
- ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރެވޭ މަސައްކަތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ދައުރު ފުޅާކުރުން
- ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް މިނިސްޓްރީ އޮފް ހެލްތަށް ހުށަހެޅުމުން، އެ މައްސަލަތައް ބައްލަވައި، ފިޔަވަޅު އެޅުމުގައި ލަސްވާ މައްސަލަ ހައްލުކުރުން
- އިންޕޭޝަންޓުންނަށް ހޮސްޕިޓަލުތަކުން (އެސްޓީއޯ މެދުވެރިކޮށް) ބޭސް ލިބޭނެ ގޮތް ހަމަޖެއްސުން
- އެތެރެ ކުރެވޭ ކޮންމެ ބޭސް ގުޅައެއް ޓްރޭސްކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން
ރައީސް އޮފީހުން ބުނީ އެ ކަންކަން ތަންފީޒުކުރެއްވުމުން ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ފަދައިން އާސަންދައިން ބޭސްހޯދުމުގައި، ރައްޔިތުންނަށް ދައްޗެއް އަދި މާލީ ތަކުލީފެއް ކުރިމަތިނުވާނޭކަން ކަށަވަރުވެގެންދާނެ ކަމަށެވެ.