އާސަންދައިގެ ދަށުން ބޭސް ފަރުވާއަށް ޔުނައިޑެޓް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަދި ތައިލެންޑަށް މިއަދުން ފެށިގެން ފޮނުވަން ފަށައިފިއެވެ.
އާސަންދައިން މިއަދު ބުނީ އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ހިދުމަތް ދޭގޮތަށް ހުޅުވާލާފައިވާ ކަމަށެވެ.
އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ ދަށުން މިހާރު ވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް އަމަލުކުރާ ނިޒާމުގެ ތެރެއިން ކަމަށް އާސަންދައިން ބުންޏެވެ.
"ތައިލޭންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފާ ކުރުން ފެށިގެންދާ އިރު، ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން 'ފަސްޓް ޑިގްރީ ޑޯނާ' އެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަހައްމަލް ކުރަމުންދާ ފަރާތްތަކަށެވެ. އެއީ، މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ 'ފަސްޓް ޑިގްރީ ޑޯނާ' އަކަށްވުން އެ ގައުމުތަކުގެ ގާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ، ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކެވެ. އާސަންދަ ސްކީމަށް އިތުރުކުރެވިގެންމިދާ އެމްޕެނަލްމަންޓާއެކު މިފަދަ ހާލަތުގައިވާ ފަރާތްތަކަށް ކިޑްނީ ޓްރާންސްޕްލާންޓްކުރުމުގެ މަގުފަހިވެގެންދާނެއެވެ." އާސަންދައިން ބުންޏެވެ.
"ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިޔާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފާ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ އެފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެއެވެ."
ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ފުޅާވެގެންދާ އިރު އެ ދެ ބަޔަށް އިސްކަންދިނުމާ އެކު، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ހިދުމަތް ފުޅާކުރާނެ ކަމަށް ވެސް އާސަންދައިން ބުންޏެވެ.
އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އެދި ހުށަހަޅާނީ މިހާރު ވެސް ހިދުމަތަށް އެދޭ ގޮތަށް ކަމަށެވެ. އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި ހޮސްޕިޓަލުތަކުގައި ގާއިމުކޮށްފައިވާ ވިރަ ކައުންޓަރުތަކުންނާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރުން ވެސް އެޕްލިކޭޝަން ހުށަހެޅެން ހުންނާނެ ކަމަށް އާސަންދައިން ބުންޏެވެ.
ޔޫއޭއީގެ އަބޫދާބީގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ބެންކޮކްގެ ދެ ހޮސްޕިޓަލަކާ އެކު އާސަންދައިގެ ދަށުން ހިދުމަތްދިނުމަށް ސޮއިކޮށްފައިވަނީ 2024 ޑިސެމްބަރު 10 ގަ އެވެ.
އާސަންދައިގެ ދަށުން ތައިލެޑުންނާއި ޔޫއޭއީ އިން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.