އެމެރިކާގެ ހައި ސްކޫލެއްގައި ބަޑިޖަހައި ހަތަރު މީހަކު މަރާލައިފިއެވެ.
އެމެރިކާގެ ޖިއޯޖިއާގައި ހުންނަ އަފަލަޗީ ހައި ސްކޫލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ހަތަރު މީހަކު މަރާލާފައިވާ އިރު، ނުވަ މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ބަޑިން ހަމަލާދީގެން މަރާލާފައިވާ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އެ ސްކޫލުގެ ދެ ދަރިވަރަކާއި ދެ ޓީޗަރުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖިއޯޖިއާ ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ ޑިރެކްޓަރު ބުނީ އެ ހަމަލާ ދީފައިވަނީ އުމުރުން 14 އަހަރުގެ ކޮލްޓް ގްރޭ ނަމަކަށް ކިޔާ ދަރިވަރެއް ކަމަށެވެ.
ގްރޭ ވަނީ ސްކޫލު ތެރޭގައި ބަޑިޖެހުމަށް ފަހު ފަހުން ފުލުހުންނަށް އަމާންދީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައި ކަމަށް އޮފިޝަލުން ބުނެއެވެ.
އެ ހަމަލާގެ ތަހުގީގު ފަށާފައިވާ އިރު، ފުލުހުން ވަނީ ސްކޫލު އެއްކޮށް ބަންދުކޮށް އެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.