މަސްތުވާ ތަކެތި އަތުލައިގަތުމަށް ޓަކައި ރާއްޖެ އަށް މާ ވަރަކުން ގެނައި ކުއްތާ ކޮބައިތޯ އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ސުވާލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މާރިޔާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވި އިރު، އެއާޕޯޓުގައި ކުރީން ބާއްވައިފައި އޮންނަ ކުއްތާ މިހާރު އެއްގޮތަކަށް ވެސް ނުފެނެ އެވެ. މަސްތުވާ ތަކެތި ރާއްޖެ އަށް އެތެރެވުން ހުއްޓުވުމަށް ޓަކައި އެތަކެތި ދެނެގަންނަން ޚާއްސަ ތަމްރީނުތައް ދީފައި ތިބޭ ކުއްތާ ރާއްޖެ އަށް ގެނައީ އުމަރު ނަސީރުގެ ހޯމް މިނިސްޓަރު ކަމުގަ އެވެ.
މާރިޔާގެ ޓުވީޓުގައި ވިދާޅުވީ ޑްރަގު ދެނެގަންނަ ކުއްތާ އަކީ ޚާއްސަ ތަމްރީނު ތަކެއް ދީފައިވާ ވަރަށް އަގު ބޮޑު އެއްޗެއް ކަމަށެވެ.
"އެހާ އަގު ބޮޑުކޮށް ރައްޔިތުންގެ ފައިސާ ހޭދަކޮށް ގެނެސްފަ މިހާރު ފޮޓޯއެއްވެސް ނުފެންނާތީ އަހައިލީ،" މާރިޔާ ވިދާޅުވި އެވެ.
ކުރީގެ ހޯމް މިނިސްޓަރު އަދި ކުއްތާތައް ރާއްޖެ އަށް ގެންނެވުމުގައި އެންމެ އިސްކޮށް އުޅުއްވި އުމަރު ނަސީރު މިއަދު ވަން އޮންލައިން އަށް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމާ ހަމަޔަށް ވެސް ކުއްތާތައް ބަރާބަރަށް ބޭނުންކުރައްވަމުން ގެންދެވި ކަމަށެވެ.
"އަޅުގަނޑު ވަކިވުމާ ހަމަޔަށް ވެސް ކުއްތާތައް ބަރާބަރަށް ބޭނުންކުރިން. މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެއާޕޯޓުގަ އާއި ކަސްޓަމްސް އަދި ފުލުހުންގެ އޮޕަރޭޝަންސް ތަކުގައި،" އުމަރު ނަސީރު ވިދާޅުވި އެވެ.
ރާއްޖެ އަށް ކުއްތާ ގެނައި އިރު ފުރަތަމަ ފުރަތަމަ ބުރުގައި ގެނައީ 18 ކުއްތާ އެވެ. ދެވަނަ ބުރުގައި 16 ކުއްތާ ގެންނަން އޮތީ ނިންމައިފަ އެވެ. އެހެން ނަމަވެސް އެ 16 ކުއްތާ ރާޖެ އަކަށް ނުގެނެ އެވެ.