އެމްޑީޕީ ގައުމީ މަޖިލިސް ބައި އިލެކްޝަންގައި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ކާމިޔާބު ހޯއްދަވައިފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުން ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ސަރުކާރެއް އޮންނަ އިރު، ރައީސުލްޖުމްހޫރިއްޔާ އާއި މިނިސްޓަރުންނަށް ވެސް އިންތިހާބަކާ ނުލައި ފުރުސަތު ލިބެއެވެ. ކުރިން ގައުމީ މަޖިލީހުން މާރިޔާއަށް ފުރުސަތު ލިބިވަޑައިގެންނެވީ އެގޮތުގެ މަތީންނެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު މާރިޔާއަށް ވަނީ ގައުމީ މަޖިލީހުން ފުރުސަތު ގެއްލިފައެވެ.
އިއްޔެ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ބައި އިލެކްޝަންގައި މާރިޔާ ވާދަކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށެވެ. އެ މަގާމު މާރިޔާ ކާމިޔާބުކުރެއްވީ 79 ވޯޓު ހޯއްދަވައިގެންނެވެ. ދެން ވާދަކުރި އައިކް އަހުމަދު އީސާއަށް ލިބުނީ 28 ވޯޓެވެ.
މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރެއްވި ބައެއް ބޭފުޅުން ވެސް އިންތިހާބުގައި ވާދަކުރެއްވިއެވެ. އެގޮތުން ކެލާ ދާއިރާގެ ރައީސްކަން ކާމިޔާބުކުރެވީ ކެލާ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއުއެވެ. ދިއްދޫ ދާއިރާގެ ރައީސްކަން އެ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ކާމިޔާބުކުރެއްވި އިރު، ކެލާ ދާއިރާގެ ރައީސްކަން ކާމިޔާބުކުރެއްވީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފެވެ. އަދި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މުއިއްޒު ވަނީ އެ ދާއިރާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގެންފައެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި އެންމެ ފާހަގަކޮށްލެވުނީ އެމްޑީޕީ މާލޭ ދާއިރާގެ ރައީސްކަމުގެ މަގާމެވެ. ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހާ ވާދަކުރައްވައި، އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. މާލޭ ދާއިރާގެ ރައީސްކަން އާޒިމް ކާމިޔާބުކުރެއްވީ ޖުމުލަ 1079 ވޯޓު ހޯއްދަވައިގެންނެވެ. ފަލާހަށް ލިބިވަޑައިގެންނެވީ 470 ވޯޓެވެ.
އެމްޑީޕީގެ އެތެރޭގެ އެ އިންތިހާބުގައި 10،683 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިންތިހާބުގައި ވޯޓުލުމަށް މާލެ ސަރަހައްދުގައި 27 ފޮއްޓަކާއި ރަށްރަށުގައި 24 ފޮށި ބަހައްޓާފައިވެއެވެ.