ޚަބަރު

ގޮނޑި ގެއްލޭ މެންބަރުން އަލުން ހޮވަން އެމްޑީޕީން އެހީވާން އިގުރާރުވެއްޖެ

1

ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ، އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އިގުރާރުވެއްޖެއެވެ.

އެމްޑީޕީން މިގޮތަށް ނިންމީ މިރޭ ކަނިވާ ސަރައްހަދުގައި 'ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން'ގެ ނަމުގައި އެ ޕާޓީން ބޭއްވި އެއްވުމުގެ ކުރިން އެތަނުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ހުށަހެޅި ގަރާރަކުންނެވެ.

އެ ގަރާރު ހުށަހަޅުއްވަމުން އެމްޑީޕީގެ ކޮލަމާފުށި ދާއިރާގެ ރައީސް މަހުފޫޒު ސައީދު ވިދާޅުވީ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ.

އެގޮތުން ގަރާރުގައި މަހުފޫޒް ވިދާޅުވީ ދައުލަތުގެ ބާރުތައް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި މިހާރު ގެނެސްފައިވާ އިސްލާހާ އެކު، އެ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ ބާރުވެރިކަން ނިގުޅިގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ އަސާސް ބިނާކުރަން ވާނީ މުޅި ރާއްޖޭގެ މަސްލަހަތަށް ކަމަށް ބަލައިގެން ކަމަށާއި އެ އިސްލާހުގެ އެ މާއްދާއާ ހިލާފުވާ ކަމަށް ވެސް އޭނާގެ ގަރާރުގައިވެއެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރަކު މަޖިލީހުގައި ދައްކާ ވާހަކައެއްގެ ސަބަބުން ނުވަތަ އަމަލުކުރާ ގޮތެއްގެ ސަބަބުން އެ މެންބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މި އިސްލާހަކީ ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް އޮތް މިނިވަން އިހުތިޔާރު ވެސް ނިގުޅައިގަންނަ، އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެނައި ބަދަލު އިހު އޮތް ގޮތަށް ރުޖޫއަ ކުރުމަށް ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަށް ވެސް ގޮވައިލުމަށް އޭނާ ހުށަހެޅުއްވި ގަރާރުގައިވެއެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ، އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީތެރިވުމަށް ވެސް ގޮވާލާފައިވެއެވެ.

"މަޖިލީހުގެ މެންބަރަކު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ގޮތުން ބުނި ބަހެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން އެ މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިކުރުމުގެ ސަބަބުން، ނުވަތަ ރައްޔިތުންގެ މަސްލަހަތުގައި މި ޕާޓީން ކުރަމުން ގެންދާ މަސައްކަތާ ބައިވެރިވުމުގެ ގޮތުން، އެ މެންބަރަކު ނިސްބަތްވާ ޕާޓީއަކުން ވަކިވެ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރަކަށް ވުމުގެ ސަބަބުން، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވެއްޖެނަމަ، އެ މެންބަރަކު ތަމްސީލުކުރި ދާއިރާއިން ރައްޔިތުންގެ މަޖިލީހަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި އިލެކްޝަނުގައި، ރައްޔިތުންގެ މަޖިލީހުން ވަކިކުރެވުނު މެންބަރު ވާދަކުރާ ނަމަ މި ޕާޓީން އެ މެންބަރަކަށް ތާއީދުކުރުމަށާއި، އެ މެންބަރަކު އަލުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އެ މެންބަރަކާއެކު މަސައްކަތްކޮށްދިނުމަށް އެއްބަސްވަން،" އެ ގަރާރުގައިވެއެވެ.

މީގެ އިތުރުން ވެސް އެމްޑީޕީން އިސްނަގައިގެން މި ހަރަކާތް ފުޅާކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިހުތިޖާޖު ކުރުމަށާއި މިކަމުގައި ބައިވެރިވުމަށް ސިޔާސީ އެހެން ޕާޓީތަކަށާއި މަދަނީ ޖަމިއްޔާތަކަށާއި ފަންނީ ދާއިރާތަކުގެ ބޭފުޅުންނަށް ދައުވަތު ދިނުމަށް ވެސް ގަރާރުގައިވެއެވެ.

މި ގަރާރު ވަނީ މިރޭގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި ޖުމުލަ 89 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.

މީގެ އިތުރުން އެ ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެ ޕެޓިޝަނުގައި ވަނީ ގާނޫނުއަސާސީގެ ބާރު ކެނޑޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލަކީ ރައްޔިތުންގެ ހިޔާލެއް ހޯދުމެއް ނެތި ގާނޫނުއަސާސީއަށް ގެނައި ބަދަލެއްކަމުން، އެ ބަދަލުގެ ސަބަބުން ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވެ، ރައްޔިތުން ނިންމި ނިންމުން ރޫޅިގެންދާނެ ކަމަށެވެ.

"ރައްޔިތުންގެ ރުހުމެއްނެތި ގާނޫނު އަސާސީއަށް މި ގެނައި ބަދަލު ބާތިލުކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ނިގުޅިގެން ހިނގައިދާނޭ ފަދަ ހަމަ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާއިން އައުދާނަކަމާއި ބާރުވެރިކަން ލިބި ތިބި ރައްޔިތުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަންދޫބުންނަށާއި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ދިވެހިރައްޔިތުން މަތިކޮށްފައިވާ ރައްޔިތުންގެ ހާދިމު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަންގައި އަމުރުކުރަން،" ޕެޓިޝަންގައި ބުނެފައިވެއެވެ.

އެ ޕެޓިޝަނުގައި މިރޭ ސޮއިކުރަން ފަށާފައިވާ އިރު، ޕެޓިޝަނުގައި ސޮއި ކުރުން މުޅި ރާއްޖޭގައި ކުރިއަށްދާނެއެވެ. މާރިޔާ ވަނީ އެ ޕެޓިޝަނުގައި ވީހާ ވެސް ގިނަ މީހުން ސޮއި ކުރުމަށް އެދިވަޑައިގެންނެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟