ރަޝިޔާގެ ސްޕައި ބޮޑުމަސް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ރަޝިއާއިން ސްޕައި ކުރުމަށް ބޭނުންކުރާ ބޮޑުމަހެއް ކަމަށް ބެލެވިފައިވާ، ބެލޫގާ ވޭލް މަރުވެފައިވާ އޮއްވާ ފެނިފައިވަނީ ނޯވޭގެ އައްސޭރިފަށުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
''ވްލަޑިމީރް''ގެ ނަމުން ނަންދީފައިވާ އެ ބޮޑުމަސް ފެނިފައިވަނީ ނޯވޭގެ އިރު ދެކުނު ރިސާވިކާ ޓައުންގެ އައްސޭރިފަށުގައި އޮޔާ ދަނިކޮށް ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. މިހާރު އިތުރު ތަހުލީލުތަކެއް ކުރުމަށް އެ ބޮޑުމަސް އެ ސަރަހައްދުގައި ހުންނަ ބަނދަރަކަށް ގެންގޮސްފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސްޕައި ބޮޑުމަހެއް ކަމަށް ބެލެވިފައިވަނީ އެ ބޮޑުމަސް މީގެ ފަސް އަހަރުގެ ކުރިން ނޯވޭގެ ކަނޑުގެ ސަރަހައްދުން ފެނުމާ ގުޅިގެންނެވެ. އެފަހަރު ފެނުނުއިރު ބޮޑުމަހުގައި ގޯޕްރޯއެއް ހަރުކޮށްފައި ހުރިކަމަށް އޮފިޝަލުން ބުނެއެވެ. އޮފިޝަލުން ވަނީ ގޯޕްރޯ ހަރުކޮށްފައިވާ ވާގަނޑުގައި އެއީ ރަޝިޔާއަށް ނިސްބަތްވާ ބޮޑުމަހެއް ކަމަށް ލިޔެފައިވާ ކަމަށެވެ.
ނޯވޭގެ މެރިން އެކްސްޕާޓުން ވަނީ މި ފަހަރު އެ ބޮޑުމަސް ފެނުނު އިރު މަރުވެފައިވީނަމަވެސް އެއްވެސް އަނިޔާއެއް ފާހަގަ ނުވާކަމަށް ބުނެފައެވެ.