ހދ. ކުޅުދުއްފުށީގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި މަސްޖިދުލް ފިރުދައުސް ރަސްމީކޮށް ހުޅުވައިފި އެވެ.
އެ މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އެވެ.
އިއްޔެ ހަވީރު ހުޅުވައިދެއްވި އެ މިސްކިތަކީ އެރަށު ވިޔަފާރިވެރިޔާ، މިތުރު ކުންފުނީގެ ވެރިޔާ މުހައްމަދު ޒުހައިރު އިމާރާތްކުރި މިސްކިތެކެވެ.
ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި އިމާރާތްކުރި އެމިސްކިތަކީ އެއްފަހަރާ 450 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް ރަސްމީކޮށް ހުޅުވުމަށްޓަކައި އިއްޔެ އަސުރު ވަގުތު އެ މިސްކިތުގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރުގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފް ހަސަން އާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް އިލްޔާސް ޖަމާލު އަދި މިސްކިތް އިމާރާތްކޮށްދެއްވި މުހައްމަދު ޒުހެއިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިސްކިތް ހުޅުވައިދެއްވުމަށްފަހު އިމާމުވެ އަސުރު ނަމާދުކުރެއްވީ މިނިސްޓަރު ޑރ އަހުމަދު ޒާހިރެވެ.
މި މިސްކިތް ރަސްމީކޮށް އިއްޔެ ހުޅުވި ނަމަވެސް މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން އެމިސްކިތުގައި ނަމާދުކުރެއެވެ.