ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުޅުދުއްފުށި ސިޓީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓައި، އެ ސިޓީގައި ދެމުންދާ އޭޓީއެމްގެ ހިދުމަތް އިތުރަށް ފުޅާކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ.
ބީއެމްއެލުން މިހާރުވެސް އަންނަނީ ކުޅުދުއްފުށީގެ ދެ ތަނެއްގައި ހަތަރު އޭޓީއެމް މެދުވެރިކޮށް ރުފިޔާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތްދެމުންނެވެ.
ބީއެމްއެލުން މިއަދު ބުނީ ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި އަދި ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭންކުގެ ރަސްމީ ގަޑީގެ ބޭރުން ޔޫއެސް ޑޮލަރު ޖަމާކުރުމާއި ނެގުމުގެ އިތުރުން އެހެނިހެން ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްއަކީ ހުރިހާ ދިވެހީންގެ ބޭންކު ކަމަށާއި ހުރިހާ ދިވެހީންގެ ކުރިއެރުމުގެ ބައިވެރިއެއް ކަމަށެވެ.
"އަޅުގަނޑުމެން ތައާރަފުކުރާ ކޮންމެ ހިދުމަތަކާއި، ގެންނަ ކޮންމެ ބަދަލަކީ އެއް މަގުސަދަކަށްޓަކައި ކުރާ ކަމެއް. އެއީ ތިޔަ ބޭފުޅުންނަށް އިތުރަށް ހިދުމަތްކުރުން. ތިޔަ ބޭފުޅުންގެ ތަރައްގީއަށް އެހީވެދިނުން،" އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމް އިތުރުކުރުމާއެކު ބީއެމްއެލުން އައްޑޫ، މާލެ، ހުޅުމާލެ، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަދި މާފުށީގައި ހިދުމަތްދޭ ޔޫއެސް ޑޮލަރު އޭޓީއެމްގެ ވިއުގަ މިވަނީ އިތުރަށް ފުޅާކޮށްފައެވެ.
ބީއެމްއެލުން ބުނީ ކުޅުދުއްފުއްޓަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފުކުރުމާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލުން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފްސާވިސް ބޭންކިން ސެންޓަރު، 158 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.