ދުނިޔެ

ގުޖުރާތުގައި ފެންބޮޑުވެ 28 މީހަކު މަރުވެއްޖެ

މުހައްމަދު އައުޒަމް

ގުޖުރާތުގައި ފެންބޮޑުވެ 28 މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ހުޅަނގުގައި އޮންނަ ގުޖުރާތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ގިނަ ހާދިސާތަކެއް ހިނގާފައިވާ އިރު، މިހާތަނަށް 28 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ފެން ބޮޑުވުމުގެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު 24،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، އެ އަވަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އޮފިޝަލުން ފާހަގަކުރާގޮތުގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަހައްދުގެ ކޯރުތައްވެސް ވަނީ ބަންޑުން ޖަހާލައިފައެވެ.

އިންޑިއާގެ އާމީ އާއި ޑިޒާސްޓާ ރެސްޕޮންސް ޓީމުތަކުން ވަނީ ފެން ބޮޑުވުމުގެ ސަބަބުން އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށައިފައެވެ.

ކުރިއަށް އޮތް ދެތިން ދުވަހު ވެސް ގުޖުރާތަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވުމާއެކު ގުޖުރާތުގެ ސަރުކާރުން ވަނީ އެ ސްޓޭޓުގައި އެލާޓް ނެރެފައެވެ.