ސިޔާސީ

ފުވައްމުލަކު ސިޓީއަށް އިބޫގެ ވައުދުތަކެއް

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ފުވައްމުލަކު ސިޓީއަށް އުންމީދުތަކެއް ގެނެސްދީ، ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އެ ސިޓީގެ ރައްޔިތުންނަށް އެތައް ވައުދެއްވެވަޑައިގެންވިއެވެ.

އިދިކޮޅު އިއްތިހާދުގެ ރަނިންމޭޓް ފައިސަލް ނަސީމްގެ އުފަން ރަށް، ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބޫ ވަނީ ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުމާއި ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުމަށް އަދި ބަނދަރަށް ދިމާވެފައިވާ ދަތިތައް ވެސް ހައްލުކޮށްދެއްވާނެ ކަމުގެ ވައުދުވެވަޑައިގެންފައެވެ.

ޓޫރިޒަމް ސިނާއަތުގެ ތެރެއިން 1000 އެނދު ތަރައްގީކޮށް، ސިޓީގެ ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، ސިޓީ ހޮޓަލެއް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ތަމްރީނު ކުރުމަށް މައި އިދާރާއެއް ފުވަމުލަކުގައި ގާއިމްކޮށްދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

"ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ލުއި ލޯނުދީ، އެމްޑީޕީ ސަރުކާރުން ކުރަމުން ގެންދެވި ގޮތަށް އަލުން ސަބްސިޑީތައް ދޭނަން. ރަށުގެ ހޮސްޕިޓަލުގައި ޑައިލިސިސް ހެދޭ ގޮތް ހަދައިދޭނަން. ރަނިން ޓްރެކްއަކާއެކު ފުޓުބޯޅަ ދަނޑެއް އަދި ވޮލީއާއި ބާސްކެޓް ކުޅޭނެ އިންޑޯ ހޯލެއް ވެސް އަޅައި ދޭނަން،" އިބޫ ވިދާޅުވިއެވެ.

އެކަންކަމުގެ އިތުރުން ވެސް އިދިކޮޅު އިއްތިހާދުގެ ސަރުކާރުން ފުވައްމުލަކު ސިޓީއަށް ހުރި ވައުދުތަކުގެ ދިގު ލިސްޓެއް ހިމެނޭ ކަމަށާއި އެ ލިސްޓު ކައުންސިލާ ހަވާލުކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.