އިޓަލީ ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ޗެމްޕިއަން އިންޓަ މިލާނުން ލިޗޭ ބަލިކުރި އިރު، އޭސީ މިލާނުން އަލަށް ޕްރޮމޯޓްވި ޕާމާ އަތުން ބަލިވެއްޖެއެވެ.
ޕާމާ ދަނޑުގައި ރޭ ކުޅުނު މެޗުގައި އޭސީ މިލާން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ޕާމާއިން ބޮޑު މެދުކެނޑުމަކަށްފަހު މިފަހަރުގެ ފުރަތަމަ ޑިވިޝަނަށް އެނބުރި އައިސްފައިވާ އިރު، އޭސީ މިލާން ބަލިކުރުމަކީ އެޓީމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ޕާމާއިން މިލާން ކޮޅަށް ގޯލު ޖެހިއެވެ. ޑެނިސް މޭން އެ ގޯލު ޖެހީ ތިރިތިރީން އެމަނުއޭލޭ ވަލޭރީ ކަނޑާލި ބޯޅައެއް ގޯލުގެ މަތީ ދާގަނޑަށް އަމާޒުކޮށްލައިގެންނެވެ. މޭން ވެފައި ވަނީ 2011 ވަނަ އަހަރު ފަހުން ޕާމާއިން ސެރެއާ އޭ މެޗެއްގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. 2011 ވަނަ އަހަރު އެ ޝަރަހު ހޯދާފައި ވަނީ ސެބަސްޓިއަން ޖިއޮވިންކޯއެވެ.
ދެވަނަ ހާފަށް ނުކުމެ މިލާންގެ ކްރިސްޓިއަން ޕުލިސިޗް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް، ކުޅުމުގެ އޮއެވަރާ ދެކޮޅަށް ދެވަނަ ގޯލެއް މެޗުގައި ޖެހީ ޕާމާއިންނެވެ. ފަހުކޮޅުގައި ޕާމާގެ އެ ގޯލު ޖަހައިދިނީ މަޓެއޯ ކަންސެލިއޭރީއެވެ.
އޭސީ މިލާންގެ ވާދަވެރި އިންޓަ މިލާނުން ރޭ އަމިއްލަ ދަނޑުގައި ލިޗޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އިންޓަގެ ގޯލުތައް ޖެހީ މަޓެއޯ ޑާމިއަން އާއި ހަކާން ޗަލަނޮގްލޫއެވެ. ޗަލަނޮގްލޫ ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.
ސިމޯން އިންޒާގީގެ އިންޓަ މިލާނުން މި ސީޒަނުގެ ލީގުގައި ވެސް މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ ފަސް ސީޒަނުގައިވެސް އެޓީމުން ވަނީ އެ ކާމިޔާބީ ތަކުރާރުކޮށްފައެވެ.