ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕުން މަދުވެގެން 30 ޕަސެންޓް އަންހެނުންނަށް ހާއްސަކުރެވެން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
އަކުރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ދާއިރާގައި އަންހެނުން އިތުރަށް ބާރުވެރިކުރުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެނެސްގެން ވިޔަސް، ޕާޓީތަކުގެ ކައުންސިލާއި ލީޑާޝިޕުގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކުރެވެން ޖެހޭ ކަމަށެވެ.
އަކުރަމް ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރިކުރުމުގެ ވާހަކަތައް ދެއްކި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ޕާޓީތަކުގެ ލީޑާޝިޕުންވެސް އަންހެނުންނަށް ކުރިއެރުން ލިބުމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަކުރަމު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން، ސިޔާސީ ދާއިރާގައި ގިނަ އަންހެނުން އުޅޭ ގައުމެއް ކަމަށާއި ނަމަވެސް އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު މަދު ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އަންހެނުންނަށް ޕާޓީތަކުގެ ކުރީ ސަފުން ފުރުސަތު ހޯދައިދިނުމަށް ޕާޓީތަކާ އެކު އަންނަ ހަފުތާގައި މަޝްވަރާ ތަކެއް ފެށިގެން ދާނެ ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.