އިސްލާމިކް މިނިސްޓްރީ

މައްސަަލަ ކޯޓުގައި އޮއްވައި ހައްޖު ގްރޫޕް ތަކާއެކު ސޮއި ކުރި މައްސަލައަށް ޖަވާބުދާރީވާން އެއްދުވަސް ދީފި

އިބްރާހިމް ޒަކީ

1

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ކުންފުނިތަކަށް ހުއްދަ ދިނީ އިންސާފުން ނޫން ކަމަށް ބުނެ ސިވިލް ކޯޓަށް، ސިސިލްފަރު ގްރޫޕުން މައްސަލަ ހުށަހަޅައިފައި ވަނިކޮށް، ހައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން، ކުންފުނިތަކާއެކު ސޮއިކުރި މައްސަލައިގައި ދައުލަތުން ޖަވާބުދާރީވާން އެއް ދުވަހުގެ މުއްދަތެެއް ދީފިއެވެ.

ސިސިލްފަރު ގްރޫޕުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު މިއަދު ވިދާޅުވީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ޖަވާބުދާރީވުމަށް އެއް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

"މީހުން ހައްޖަށް ގެންދަން ކުންފުނިތަކަށް ހުއްދަ ދިން ގޮތާ މެދު ޝަކުވާތަކެއް ހުއްޓާ، އިސްލާމިކް މިނިސްޓްރީން އެ ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކުރި ސަބަބު ސާފުކޮށްދޭން މިއަދު ސިވިލް ކޯޓުން ވަނީ ދައުލަތަށް އެއް ދުވަސް ދީފައި،" ނާޒިމް މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިުވެއެވެ.

މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ކުންފުނިތަކަށް ދީފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ، ސިސިލްފަރު ގްރޫޕުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް މިދިޔަ ހޯމަ ދުވަހު މައްސަލަ ހުށަހަޅާފައިވަނީ މެދު ނުކެނޑި 35 އަހަރު ވަންދެން ދިވެހިން ހައްޖާއި އުމްރާއަށް ގެންދިއުމުގެ މަސައްކަތް ކޮށްފައި ވަނިކޮށް، މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިން ގްރޫޕުތަކުގެ ތެރޭގައި ސިސިލްފަރު ގްރޫޕު ހިމެނިފައި ނުވާތީއެވެ.

މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އިސްލާމިކް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ، ހައްޖަށް މީހުން ގެންދަން ހުއްދަ ދިން ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނާ އެކު ހަ ކުންފުންޏަކަށް މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

ހައްޖު ކޯޕަރޭޝަންގެ އިތުރަށް މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކުގެ ނަންތައް ތިރީގައި އެވަނީ އެވެ.

- ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް

- ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

- މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް

- އެކްރޯ ޕްރައިވެޓް ލިމިޓެޑް

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް 90 ކޯޓާ ވަނީ ދީފައެވެ. އަދި ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ ހަމަޖައްސާފައިވާނެކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ. އިތުރު 1000 ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟