ދުނިޔެ

އަދުގެ ދުނިޔެ: ތައިލެންޑުގެ އައު ޒުވާން އަންހެން ބޮޑުވަޒީރަކީ ކޮންބޭފުޅެއް؟

އިމާދު ލަތީފު

ތައިލެންޑުގެ ގާނޫނުހަދާ މަޖިލީހުން ވަނީ މިދިޔަ ހުކުރުދުވަހު އެގައުމުގެ ބޮޑުވަޒީރުކަމަށް އުމުރުފުޅުން 37 އަހަރުވީ ޕައެޓޮންގްޓާން ޝިނަވަޓްރާ އިންތިޚާބުކޮށްފައެވެ. އެކަމަނާ ބޮޑުވަޒީރުކަމަށް މިވަޑައިގެންނެވީ ކުރިން އެމަގާމުގައި ހުންނެވި ސުރެތާ ތަވިސިންއާ ދެކޮޅަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ނިންމި ނިންމުމަކާ ގުޅިގެން މަގާމު ގެއްލުމުންނެވެ. އޭނާ މަގާމުން ދުރުކުރެވުނީ ސެނެޓުގެ ސާޅީސް މެންބަރަކު ކޮންސްޓިޓިއުޝަނަލް ކޯޓަށް ވެއްދި މައްސަލައެއް ބެލުމަށްފަހު ގޯސްހައްދަވާފައިވާކަން ސާބިތުވުމުންނެވެ. ކުރީގެ ބޮޑުވަޒީރުވެސް އަދި އައު ބޮޑުވަޒީރުވެސް ނިސްބަތްވެވަޑައިގަންނަވަނީ އެއް ޕާޓީއަކަށެވެ. ފެެއު ތައި ޕާޓީއަށެވެ. ޕައެޓޮންގްޓާން ޝިނަވަޓްރާއަކީ ތައިލެންޑުގެ ތާރީޚުގައިވެސް އެންމެ ޒުވާން ބޮޑުވަޒީރެވެ. އަދި އެގައުމުގެ ދެވަނަ އަންހެން ބޮޑުވަޒީރެވެ. ޕައެޓޮންގްޓާނަކީ ކާކުހެއްޔެވެ. ވެރިކަމަށް ވަޑައިގެންނެވުނީ ކޮންގޮތަކުން ހެއްޔެވެ. ފަހަތުގައި ތިބީ ކޮންބައެއް ހެއްޔެވެ. ބަލައިލަމާބަހީއެވެ.

ޕައެޓޮންގްޓާން ޝިނަވަޓްރާއަކީ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު އަދި މަޝްހޫރު ބިލިޔަނަރު ސާދާގަރު އުމުރުފުޅުން 75 އަހަރުވީ ތަކްސިން ޝިނަވަޓްރާގެ އެންމެ ހަގު ދަރިކަނބަލުންނެވެ. ވެރިކަމުން ދުރުކުރެވުނު ބޮޑުވަޒީރާއި އަދި އަލަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ބޮޑުވަޒީރުވެސް އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ފެއު ތައި ޕާޓީއަކީ ތަކްސިން ޝިނަވަޓްރާ އުފެއްދެވި އޭނާގެ އަމިއްލަފުޅު ޕާޓީއެވެ. އެ ޕާޓީގެ ހަގީގީ ލީޑަރަކީ ކުރިންވެސް އަދި ފަހުންވެސް ތަކްސިން ޝިނަވަޓްރާއެވެ. ޕާލަމެންޓުގައި ތިއްބަވާ 493 މެންބަރުންގެ ތެރެއިން 314 މެންބަރުންނަކީ ފެއު ތައި ޕާޓީގެ މެންބަރުންނާއި އެ ޕާޓީއާ އިއްތިހާދުވެފައިވާ ޕާޓީތަކުގެ މެންބަރުންނެވެ. އެހެންވީމާ އައު ބޮޑުވަޒީރަށް ރުހުން އޮތްތޯ ބެލުމަށް ޕާލަމެންޓުގައި ނެގުނު ވޯޓު ޕައެޓޮންގްޓާން ކާމިޔާބުކުރެެއްވީ އެއްބުރުން ވަރަށް ފަސޭހަކަމާއެކުގައެވެ. ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށް ބޭނުންވަނީ ޕާލަމެންޓުގެ ސިމްޕަލް މެޖޯރިޓީއެވެ. އެ އަދަދު މާކުރިންވެސް އޮތީ ޕައެޓޮންގްޓާނަށް ޔަގީންވެފައެވެ.

ޕައެޓޮންގްޓާން މަތީ ތައުލީމު ފުރިހަމަކުރެއްވީ ތަނަވަސްކަމުގެ އަހުލުވެރިންގެ ދަރީންނަށް ޚާއްސަ ޔުނިވަރސިޓީއެއް ކަމަށްވާ ޗުލަލޮންކޯން ޔުނިވަރސިޓީގައެވެ. އެކަމަނާ ބޮޑަށް މަޝްހޫރުވެފައިވަނީ ވަނަމަކުންނެވެ. އުންގް-އިންގްގެ ނަމުންނެވެ. ސިޔާސީ ދާއިރާއަށް ނުކުންނެވީ މީގެ ތިން އަހަރު ކުރިން 2021 ގައެވެ. އޭގެކުރިން އުޅުއްވީ އާއިލީ ވިޔަފާރީގެ ތެރެއިން ފަސްތަރީގެ ހޮޓާތައް ހިންގެވުމުގައެވެ. އެކަމަނާގެ ސިޔާސީ ކެރިއަރު ފެށުނީ ފެއު ތައި ޕާޓީގެ ޒުވާނުންނާބެހޭ ޚާއްސަ އެޑްވައިޒަރީ ކޮމިޓީއެއްގެ ޗެއަރޕާސަންކަމަށް އައްޔަންކުރެވުނު ހިސާބުންނެވެ. އެންމެފަހުން ހުސްވި 2023 ވަނަ އަހަރު ތައިލެންޑުގައި އާއްމު އިންތިޚާބު ބޭއްވުނުއިރު ޕައެޓޮންގްޓާން ހުންނެވީ ވިހެއުމުގެ ޗުއްޓީގައެވެ. އެއީ އެކަމަނާގެ ދެވަނަ ދަރިކަލުންނެވެ. ޗުއްޓީގައި ހުންނަވައިގެންވެސް އެކަމަނާ ވާދަކުރެއްވި ގޮނޑި ފަސޭހަކަމާއެކު ކާމިޔާބު ކުރެއްވިއެވެ. އެކަމަނާއަށް ލިބިވަޑައިގަތް ވޯޓަކީ ބައްޕާފުޅު ތަކްސިން ޝިނަވަޓްރާއަށްޓަކައި ރައްޔިތުން ދިން ވޯޓެވެ.

ޕައެޓޮންގްޓާނަކީ ފާއިތުވި ތޭވީސް އަހަރުގެ ތެރޭގައި ޝިނަވަޓްރާ އާއިލާގެ ތެރެއިން ގައުމުގެ ވެރިކަން ކުރައްވާ ހަތަރުވަނަ ބޮޑުވަޒީރެވެ. އެންމެ ފުރަތަމަ އެ އާއިލާއިން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކީ ޕައެޓޮންގްޓާންގެ ބައްޕާފުޅު ތަކްސިން ޝިނަވަޓްރާއެވެ. އޭނާ ބޮޑުވަޒީރުކަމަށް ވަޑައިގެނެނެވީ 2001 ވަނަ އަހަރުއެވެ. އޭރު ތަކްސިންގެ ޕާޓީގެ ނަމަކީ ތައި ރަކް ތައި ޕާޓީއެވެ. އޭނާގެ ވެެރިކަން ނިމުމަކަށްއައީ 2006 ވަނަ އަހަރު ސިފައިން ގެނައި އަސްކަރީ އިންގިލާބަކުންނެވެ. އޭގެފަހުން ކޮންސްޓިޓިއުޝަނަލް ކޯޓުންވަނީ ތައި ރަކް ތައި ޕާޓީވެސް އުވާލައިފައެވެ. ޝިނަވަޓްރާ އާއިލާގެ ތެރެއިން ދެވަނައަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކީ ސޮމްޗާއީ ވޮންގްސަވަޓެވެ. އޭނާއަކީ ތަކްސިން ޝިނަވަޓްރާގެ އަންހެން ކޮއްކޮ ޔައޮވަފާ ޝިނަވަޓްރާގެ ފިރިކަލުންނެވެ. އޭނާގެ ވެރިކަމަށް އަހަރެއްވެސް ނުވަނީސް ކޮންސްޓިޓިއުޝަނަލް ކޯޓުގެ ނިންމުމަކުން އޭނާ ވަނީ 2008 ވަނަ އަހަރު މަގާމުން ދުރުކޮށްފައެވެ. އެވަރަކުން އަދި ނުނިމެއެވެ.

މަގާމުން ދުރުކުރުމުގެ އިތުރަށް ފަސް އަހަރުވަންދެން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވުންވެސް ކޮންސްޓިޓިއުޝަނަލް ކޯޓުގެ ހުކުމަކުން ވަނީ ސޮމްޗާއީއަށް މަނާކޮށްފައެވެ. ޝިނަވަޓްރާ އާއިލާގެ ތެރެއިން ތިންވަނައަށް ބޮޑުވަޒީރުކަން ކުރެެއްވި ބޭފުޅަކީ ތަކްސިން ޝިނަވަޓްރާގެ އަންހެން ކޮއްކޯފުޅެއް ކަމަށްވާ ޔިންލުކް ޝިނަވަޓްރާއެވެ. އެހެންވީމާ އެއީ މިހަފުތާގައި ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޕައެޓޮންގްޓާންގެ ބޮޑުދައިތާފުޅެވެ. ޔިންލުކް ޝިނަވަޓްރާއަކީ ތައިލެންޑުގެ ފުރަތަމަ އަންހެން ބޮޑުވަޒީރެވެ. އެކަމަނާ ބޮޑުވަޒީރުކަން ކުރެއްވީ 2011 ވަނަ އަހަރުން 2014 އަށެވެ. ޔިންލުކަށްވެސް ދިމާވީ ޅިޔަންބޭބެ ސޮމްޗާއީއަށްވެސް ދިމާވިގޮތެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުން ބެލި މައްސަލައަކަށްފަހު އެކަމަނާ މަގާމުން ދުރުކުރީއެވެ. ތައިލެންޑުގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ މެންބަރަކު އެކަމަނާގެ އެންގެވުމަށް ވަޒީފާއިން ކަނޑާލީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ނިންމުމަށްފަހުގައެވެ. ދެން އެއަހަރު އަނެއްކާވެސް ފެށުނީ ސިފައިންގެ ވެރިކަމެވެ.

ޝިނަވަޓްރާ އާއިލާގެ ތެރެއިން މިހާތަނަށް ބޮޑުވަޒީރުކަން ކުރެެއްވި ކޮންމެ ބޭފުޅެއްގެ ވެރިކަން ނިމިފައިވަނީ ސިފައިންގެ އިންގިލާބަކުން ނުވަތަ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ހުކުމަކުންނެވެ. ހަމައެއްވެސް ބޭފުޅަކު އިސްތިސްނާއެއް ނުވެއެވެ. ދައުރު ފުރިހަމައެއް ނުކުރެެއްވެއެވެ. އެކަންކަމަށް ރިއާޔަތްކުރާއިރު އައު ބޮޑުވަޒީރު ޕައެޓޮންގްޓާނަށްވެސް މާގިނަދުވަހު ހިފަހައްޓައިލެވުމަކީ ވަރަށް ނާދިރު ކަމެކެވެ. ތައިލެންޑުގެ އަސްކަރިއްޔާ އާއި ފަނޑިޔާރުގެއަކީ ޝިނަވަޓްރާ އާއިލާގެ ފޭނުން ނޫންކަން ތާރީޚަށް ބަލައިލީމާ އެއޮތީ ފެންނާށެވެ. ވެރިކަމެއް ވައްޓާލަންވެއްޖެނަމަ އިސާހިތަކު އެކަމަށް ބޭނުންވާ ހުއްޖަތު އޮންނަނީ އުފައްދައި ފައްކާކޮށްފައެވެ. ޝިނަވަޓްރާ އާއިލާގެ ބޭފުޅެއްގެ ވެރިކަން ނިމުމަށްފަހު އެބޭފުޅަކަށް މިނިވަންކަންމަތީގައިވެސް ނުހުންނެވެއެވެ. ބަރިބަރިޔަށް ހުކުމްތައް އޮންނަނީ ޖަހައިފައެވެ. ދެން ފިއްލެވުނު ގޮތަކުން ގައުމު ދޫކުރައްވައި ފިއްލަވަނީއެވެ. ތަކްސިން ޝިނަވަޓްރާވެސް ގައުމުން ބޭރުގައި ފަނަރަވަރަކަށް އަހަރު ހޭދަކުރައްވައިފިއެވެ. ޔިންލުކް ޝިނަވަޓްރާ އަދިވެސް ހުންނެވީ ގައުމުން ބޭރުގައެވެ.