އިންޑިޔާގެ އިރުމަތީ ބިތުގެ ސަހަރެެއް ކަމަށްވާ ކަލްކަތާގައި އަންހެން ޑޮކްޓަރަކު ރޭޕްކޮށް މަރައިލި ހާދިސާޔާ ގުޅިގެން މުޅި އިންޑިޔާ މިވަގުތު ވަނީ ހަލަބޮލި ވެފައެވެ. ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އެނޫން މީހުންވެސް ހިމެނޭގޮތުން އިންޑިޔާގެ ހުރިހާ ސަހަރެއްގައި ވަނީ ހަޅުތާލަށް ނުކުމެފައެވެ. އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ވަނީ މި ހަޅުތާލުތަކުގައި ބައިވެރިވެފައެވެ. މިއީ އެތައް މިލިޔަން ބައެކެވެ. ނަތީޖާއެއްގެ ގޮތުން މުޅި އިންޑިޔާގައި ސިއްހީ ޚިދުމަތުގެ ދާއިރާ ވަނީ މިވަގުތު ގާތްގަޑަކަށް ހުއްޓުމަކަށް އައިސްފައެވެ. އިމަޖެންސީ ޚިދުމަތް ނޫން އެހެން ހުރިހާ ޚިދުމަތެެއް ވަނީ ހުއްޓިފައެވެ. ސިއްހީ ޚިދުމަތްތެރިންގެ އެދުމަކީ އެމީހުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ. ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. ކަލްކަތާގައި މަރާލެވުނު އަންހެން ޑޮކްޓަރަކީ ކާކުބާވައެވެ. އޭނާ މަރައިލީ ކޮންތާކު ކީއްވެގެން ބާވައެވެ. އެކަންކުރީ ކާކުބާވައެވެ.
މަރާލެވިފައިވާ އަންހެން ޑޮކްޓަރަކީ އުމުރުން އެއްތިރީސް އަހަރުގެ ޒުވާން ޑޮކްޓަރެކެވެ. ޑޮކްޓަރުކަން ކިޔެވުމަށްފަހު އަމަލީ މައިދާނުގައި ތަމްރީނު ހޯދުމަށް ކަލްކަތާގެ އާރްޖީކޭ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރެކެވެ. އޭނާގެ ފުރާނަނެތް ހަށިގަނޑު ފެނުނީ ހޮސްޕިޓަލުގެ ސެމިނާރ ރޫމަކުންނެވެ. މި ހޮސްޕިޓަލަކީ ހުޅަނގު ބެންގޯލް ސްޓޭޓްގެ ސަރަހައްދީ ސަރުކާރުން ހިންގާ ޓީޗިން ހޮސްޕިޓަލެކެވެ. ކޮންމެ ދުވަހަކުވެސް އެތައްހާސް ބަޔަކު ޚިދުމަތް ލިބިގަންނަ ތަނެކެވެ. ތަހުލީލުތަކާއި ތަހުގީގުން އެނގުނު ގޮތުގައި އޭނާ މަރައިލުމުގެ ކުރިން ރޭޕްގެ ޝިކާރައަކަށްވެސް ވަނީ ވެފައެވެ. މި މައްސަލައިގެ ތުހުމަތުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދިޔަ ފުލުހުންގެ ދަރުމަވެރިޔަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާއަކީ ކިޔޫތައް ތަރުތީބު ކުރުމާއި ބަލިމީހުން ތަންތަނަށް ގެންދިއުމުގެ މަސައްކަތުގައި އެހީތެރިއެކެވެ. އަންހެންކުއްޖާގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި މިކަމަކީ އެންމެ މީހެއްގެ އަމަލެއް ނޫނެވެ. މި ޖަރީމާގައި އިތުރު އެތައް ބަޔަކުވެސް ވާނީ ބައިވެރިވެފައެވެ.
މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރަންފެށީ އެ ސްޓޭޓްގެ ފުލުހުންނެވެ. ކަލްކަތާގެ ފުލުހުންނެވެ. އިންޑިޔާއަކީ ދުވާލަކު މަދުވެގެން ރޭޕުގެ ސަތޭކައެއްހައި ކޭސް ރިޕޯޓްކުރެވޭ ގައުމަކަށްވާތީ އަދި އެއަށްވުރެވެސް ގިނައިން މެރުމުގެ ތަފާތު ހާދިސާތައް ރިޕޯޓްކުރެވޭ ގައުމަކަށްވާތީ މިކޭސް ހަމަ އާދައިގެ ކޭހެއްގެ ގޮތުގައި ބަލައި ހަގީގަތް ހޯދުމަށް ފުލުހުން މާބޮޑު މަސައްކަތެއް ނުކުރާކަމަށް އާއްމުންނަށް ހީވުމަކީ މައްސަލަ ސީރިއަސްވުމަށް މެދުވެރިވި ސަބަބެވެ. މުޅި އިންޑިޔާގައި ހަޅުތާލުތައް ފެށި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަމާލުކަމަށްވެސް މިކަން އައިސް ސިއްހީ ޚިދުމަތުގެ ދާއިރާ ހުއްޓުމަކަށް އައުމުން ހުޅަނގު ބެންގޯލްގެ ހައިކޯޓުގެ އަމުރަށް މި މައްސަލަ ތަހުގީގުކުރުން ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން، ސީބީއައިއާ ވަނީ ހަވާލުކޮށްފައެވެ. މިހާރު ތަހުގީގު ކުރިއަށް ގެންދަނީ އެފަރާތުންނެވެ. އެއީ މަރުކަޒީ މުއައްސަސާއެކެވެ. ކޮންމެއަކަސް އެންމެފަހުގެ މި ހާދިސާޔާ ގުޅިގެން އިންޑިޔާގެ ރޭޕުގެ މައްސަލަތައް އަނެއްކާވެސް މުޅިދުނިޔޭގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އަންހެނުންނާއި ދެކޮޅު ޖަރީމާތައް ދުނިޔޭގައި އެންމެ އާންމު އެއްގައުމަކީ އިންޑިޔާއެވެ. އަންހެނުންނާ ދެކޮޅު ޖަރީމާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ފުރައްސާރަޔާއި ގަދަކަމުން ގަޔަށް އަރައި އިއްފަތް ނަގައިލުމާއި މާރާމާރީއާއި މެރުންފަދަ އަމަލުތަކެވެ. މިޒާތުގެ ކަންކަން ގިނަވުމުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީ މަޝްހޫރުވެފައި އޮންނަނީ ދުނިޔޭގެ ރޭޕް ކެޕިޓަލްގެ ނަމުންނެވެ. އިންޑިޔާއަކީ އަންހެނުންނަށް ރައްކާތެރި ގައުމަކަށް ހެދުމުގެ ގޮތުން ދާދިފަހުން ގާނޫނުތައްވެސް ވަނީ ހަރުކަށި ކުރެވިފައެވެ. އެހެންނަމަވެސް ތަފާސްހިސާބުތައް ދައްކާގޮތުން އަންހެނުންނާ ދެކޮޅަށް ހިންގޭ ޖަރީމާތައް އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. ރޭޕްކުރުމުގެ ހާދިސާތައް ދަނީ ގިނަވަމުންނެވެ. މީގެ މިސާލަކީ 2022 ވަނަ އަހަރު ރިކޯޑް ކުރެވިފައިވާ ރޭޕްކުރުމުގެ ހާދިސާތަކުގެ އަދަދެވެ. އެއަހަރު އިންޑިޔާގެ އެކި ކަންކޮޅުތަކުގައި މިފަދަ ބައްތިރީސް ހާސް މައްސަލަ ރިކޯޑްކުރެވިފައިވެއެވެ.
މިއީ އޭގެ ކުރީއަހަރަށްވުރެ ވިހި އިންސައްތަ އިތުރު އަދަދެކެވެ. ނިއުދިއްލީއަށް ދުނިޔޭގެ ރޭޕް ކެޕިޓަލްގެ ނަން ލިބުމުގެ ސިއްރަކީ އިންޑިޔާގެ އެކިއެކި ސަހަރުތަކުގެ ތެރެއިންވެސް ރޭޕްކުރުމުގެ ހާދިސާތައް އެންމެ ގިނައީ ނިއުދިއްލީގައި ކަމަށް ވުމުންނެވެ. އެ ސަހަރުގައި ހިނގާފައިވާ މިބާވަތުގެ ޖަރީމާތަކުގެ ތެރެއިން ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު ހާދިސާއަކީ 2012 ވަނަ އަހަރު ޒުވާނުންގެ ޖަމާއަތެއްގެ ބަޔަކު ބަހެއްގެ ތެރޭގައި ތޭވީސް އަހަރުގެ އަންހެންކުއްޖަކު ރޭޕްކުރުމަށްފަހު މަރައިލި ހާދިސާއެވެ. މިހާދިސާއާ ގުޅިގެން އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބޮޑެތި މުޒާހަރާތައް ބޭއްވުނެވެ. މުޖުރިމުންނަށް ދެވޭ އަދަބު ހަރުކަށި ކުރުމަށާއި ރޭޕްކުރުމުގެ މައްސަލަތައް އަވަސްގޮތަކުން ބަލައި އިންސާފު ގާއިމުކުރުން އަވަސްކުރެވޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރެއިން ހަމަޖައްސައިދިނުމަށް އެދިއެވެ. ސަރުކާރުންވެސް މިއަޑު އަހައި ރޭޕްގެ ކުށް ތަކުރާރުކުރާ މުޖުރިމުންނަށް މަރުގެ އަދަބުދިނުން ތައާރަފުކުރިއެވެ.
މީގެ އިތުރަށް ޖިންސީ ފުރައްސާރައަކަށް ވެދާނެ ހުރިހާ ކަމެއްވެސް ވަނީ މަނާކޮށްފައެވެ. ޖިންސީ މައްސަލަތަކުގައި އަދަބުދެވޭ އުމުރުވެސް އަށާރައިން ސޯޅައަށް ތިރިކުރިއެވެ. އެހެންނަމަވެސް ނަތީޖާއެއް ނުފެނެއެވެ. ކުރީގައިވެސް ބަޔާންކުރެވުނު ފަދައިން މިޒާތުގެ ހާދިސާތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. ކުރިއާ މިހާރާ ހުރި ތަފާތަކީ ބޮޑެތި ސަހަރުތަކުގައި މިކަން ރިޕޯޓްކުރެވޭ މިންވަރު ކުރިއަށްވުރެ ތަންކޮޅެއް އިތުރުވުމެވެ. އާއިލާއެއްގެ އަންހެން މެންބަރަކަށް ޖިންސީ އަނިޔާ ލިބިގެން އެވާހަކަ ދެއްކުމަކީ އަދިވެސް ގިނަ އާއިލާތަކުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެމީހުންގެ އިއްޒަތާއި ޝަރަފަށް ލިބޭ އުނިކަމެއްކަމަށް ގަބޫލުކުރެވޭތީއެވެ. މުޖުތަމައުގައި އެ އާއިލާއެއްގެ އަގު ވެއްޓޭކަމެއް ކަމަށް ހީކުރެވޭތީއެވެ. މިގޮތަށް ހީކުރުން ރަށްފުށުގެ ސަރަހައްދުތަކުގައި ވަކިން ބޮޑެވެ. އެހެންވީމާ ރޭޕްކުރުމުގެ ހާދިސާތައް ރަށްފުށުގައި ރިޕޯޓްކުރެވޭ މިންވަރު އަދިވެސް ވަރަށް ދަށެވެ. ފުލުހުންނަށް އިތުބާރު ނުކުރެވުމަކީވެސް މައްސަލައެކެވެ.