''ސުޕަރ ބްލޫ މޫން''އެއް މިރޭ ފެންނާނެ އެވެ.
''ސުޕަރ ބްލޫ މޫން'' ފެންނަން ފަށާނީ ރާއްޖެ ގަޑިން އިރު އޮއްސި 18:08 ގައެވެ. އަދި ހަނދު އެންމެ ފުރިހަމައަށް ފެންނާނީ ރާއްޖެ ގަޑިން 23:25 ގައެވެ.
އެހެނިހެން ފުރިހަމަ ހަނދަށް ވުރެން ސުޕަރ ބްލޫ މޫންގައި ހަނދުގެ އަލިކަން 30 އިންސައްތަ އިތުރުވާނެ އެވެ. އަދި ދުނިޔެއާއި ހަނދާއި ދެމެދު ހުންނަ ދުރުމިން ކައިރި ވުމުން ހަނދު ފެންނާނީ އެހެން ދުވަސްތަކާ ހިލާފަށް ބޮޑުކޮށް ފުރިހަމަކޮށެވެ.
މިރޭގެ ސުޕަމޫނުން ހަނދުގެ އަރިމައްޗަށް އިރުގެ އަލި ފުރިހަމައަށް ލިބޭނެއެވެ. އެހެން ކަމުން އެހެން ދުވަސްތަކާ ހިލާފަށް މިރޭގެ ހަނދުގެ އަރިމަތީން 98 އިންސައްތައަށް އަލިވެ ހަނދުގެ ވަށަމިން އިތުރަށް ރީތި ވާނެއެވެ.
މިރޭ ހަނދު އެންމެ ފުރިހަމައަށް ރާއްޖެއަށް ފެންނަ އިރު ހަނދު ހުންނާނީ ދުނިޔެއާއި 225،228 މޭލު ދުރުމިނެއްގައެވެ.
''ސުޕަރ ބްލޫ މޫން'' ނަމުން ނަން ދިނަސް ހަނދު ފެންނަން ހުންނާނީ ނޫކުލަޔަކު ނޫނެވެ. ''ސުޕަރ ބްލޫ މޫން'' އަކީ ސައިންޓިފިކަލީ ހަނދުގެ ހަރަކާތްތަކާއި ހަނދު ދައުރުވުމާއި ހަނދު ދުނިޔެއާއި ކައިރިވެ ދުރުވުމާ ގުޅޭ ގޮތުން ބޭނުންކުރާ ނަމެކެވެ.
''ސުޕަރ ބްލޫ މޫން''ގެ ސުޕަރ އޭ ކިޔަނީ ހަނދު ހުންނަ އޯބިޓްގެ ސަބަބުންނެވެ. ހަނދު ދުނިޔެއާ ކައިރިވުމުން ހަނދު އަލިގަދަކޮށް ބޮޑުކޮށް ފެނެއެވެ.
ނާސާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ''ބްލޫ މޫން'' އެއް ފެންނާނީ ކޮންމެ ދެ އަހަރުން އެއް އަހަރު ނުވަތަ ތިން އަހަރުން އެއް އަހަރުއެވެ. ނަމަވެސް ''ސުޕަރ ބްލޫ މޫން'' އަކީ ވަރަށް މަދުން ފެންނަ މޫން އެކެވެ.
މިރޭ ފެންނަ ''ސުޕަރ ބްލޫ މޫން'' އަށް ފަހު ދެން ''ސުޕަރ ބްލޫ މޫން'' އެއް ފެންނާނީ 2037 ވަނަ އަހަރުގައެވެ.