ދުނިޔެ

އަދުގެ ދުނިޔެ: ތައިލެންޑުގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ދައުރަކީ ކޮބާ؟

އިމާދު ލަތީފު

ތައިލެންޑުގައި ފަނޑިޔާރުގެ އެކުލެވިގެންވަނީ ޖުމްލަ ހަތަރު ގޮތްޕެއްގެ މައްޗަށެވެ. އެއީ ކޯޓް އޮފް ޖަސްޓިސް، އެޑްމިނިސްޓްރޭޓިވް ކޯޓް، މިލިޓަރީ ކޯޓް އަދި ކޮންސްޓިޓިއުޝަނަލް ކޯޓެވެ. މީގެ ތެރެއިން ކޯޓް އޮފް ޖަސްޓިސްއަކީ މަދަނީ އަދި ޖިނާއީ މައްސަލަތަކާބެހޭ ކޯޓެވެ. މި ކޯޓަކީވެސް ތިން ގޮތްޕެއްގެ މައްޗަށް އެކުލެވިގެންވާ ކޯޓެކެވެ. ދަށު ކޯޓާއި އިސްތިއުނާފް ކޯޓެވެ. ދެން ސްޕްރީމް ކޯޓެވެ. އެޑްމިނިސްޓްރޭޓިވް ކޯޓަކީ 1997 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނުއަސާސީގެ ދަށުން 2001 ވަނަ އަހަރު ވުޖޫދުކުރެވުނު ކޯޓެކެވެ. މި ކޯޓުގެ މަސްއޫލިއްޔަތަކީ ސަރުކާރުގެ އެކި އިދާރާތަކާއި މުވައްސަސާތަކުގެ ވެރިންނާމެދު ރައްޔިތުން އުފުލާ ޝަކުވާތައް ބަލައި އެފަދަ އޮފިޝަލުންނާމެދު ފިޔަވަޅުއެޅުމެވެ. މި ކޯޓުވެސް އެކުލެވިގެންވަނީ ދެބައެއްގެ މައްޗަށެވެ. އެއްބަޔަކީ ދަށުކޯޓެވެ. އަނެއްބަޔަކީ ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓެވެ.

މިލިޓަރީ ކޯޓަކީ ތައިލެންޑުގެ އަސްކަރީ ކޯޓެވެ. މި ކޯޓުން ބަލަނީ އަސްކަރިއްޔާގެ އެކި ގޮފިގޮފީގައި ޚިދުމަތްކުރާ މީހުންގެ މައްސަލަތަކެވެ. ސިފައިންގެ މައްސަލަތަކެވެ. މި ކޯޓު ހިންގަނީ އަސްކަރިއްޔާގެ ތެރެއިން ދިފާއީ ވުޒާރާއިންނެވެ. މިލިޓަރީ ކޯޓުގެ ފަނޑިޔާރުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ އާއްމު ފަނޑިޔާރުންނެވެ. އެބައިމީހުންނަށް ގާނޫނީ އިލްމު އެނގުން ލާޒިމެއް ނޫނެވެ. އަނެއްބަޔަކީ ޚާއްސަ ފަނޑިޔާރުންނެވެ. އެއީ ގާނޫނީ ދާއިރާއިން ތަމްރީނު ލިބިފައިވާ ބައެކެވެ. މި ދެބައިގައިވެސް ހިމެނޭނީ އަސްކަރިއްޔާގެ ޚިދުމަތުގައި ދެމިތިބޭ އޮފިސަރުންނެވެ. ކޮންސްޓިޓިއުޝަނަލް ކޯޓަކީ 1997 ވަނަ އަހަރު ތަސްދީގު ކުރެވުނު އައު ގާނޫނުއަސާސީގެ ދަށުން ވުޖޫދުކުރެވުނު ވަރަށް ޚާއްސަ ކޯޓެކެވެ. މި ކޯޓުން ބަލަނީ ޕާލަމަންޓުން ފާސްކުރާ ބިލްތަކާއި ރަސްކަމުގެ ދަރުބާރުން ނެރޭ ގަރާރުތައް ގާނޫނުއަސާސީއަށް ފެތޭ މިންވަރެވެ. މިދެންނެވި ދެ މުއައްސަސާގެ އަމަލުތައް ގާނޫނުއަސާސީއަށް ފެތޭ މިންވަރެކެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓު އެކުލެވިގެންވަނީ މިވަގުތު ޖުމްލަ ނުވަ ފަނޑިޔާރުންގެ މައްޗަށެވެ. އޭގެތެރެއިން އެންމެ އިސްބޭފުޅަކީ ކޯޓުގެ ރައީސެވެ. މި ކޯޓުގެ ރައީސަކީ ސްޕްރީމް ކޯޓުގެވެސް ރައީސެވެ. ނާއިބުރައީސަކީ ސުޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓުގެ ރައީސެވެ. ދެން ބާކީ ތިއްބަވާ ހަތް ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންނަކީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ހޮވޭ ބޭފުޅުންނެވެ. އަނެއް ދެ ފަނޑިޔާރުން ހޮވަނީ ސްޕްރީމް އެޑްމިނިސްޓްރޭޓިވް ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. ކޮންމެއަކަސް މި ބައްޓަމަށް ކޮންސްޓިޓިއުޝަނަލް ކޯޓު އެކުލެވިގެންވާތީ މިއީ ސްޕްރީމް ކޯޓާއި އެޑްމިނިސްޓްރޭޓިވް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ޚާއްސަ ކޯޓެކެވެ. މި ކޯޓުގެ ނިންމުންތައް އިސްތިއުނާފެއް ނުކުރެވޭނެއެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ. މި ކޯޓުގެ ބެންޗުގައި ތިއްބަވަނީ ކުރިން ދެންނެވި ދެ ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ ތެރެއިން އައްޔަންކުރެވޭ ބަޔަކަށްވިޔަސް މި ނުވަ ފަނޑިޔާރުންގެ ވަނަވަރު ބަލައި ދިރާސާކުރުމަށްފަހު ރަސްގެފާނުގެ ރުހުންއޮތްތޯ ބެލުމަށް ލިސްޓު ފޮނުވާނީ ރަސްގެފާނުގެ އަރިހަށެވެ. ަސެނެޓުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު ނުވަ އަހަރުގެ މުއްދަތަށް މިބޭފުޅުން ކޮންސްޓިޓިއުޝަނަލް ކޯޓުގެ ބެންޗަށް އައްޔަން ކުރައްވަނީ ރަސްގެފާނެވެ. ކޮންމެއަކަސް ތައިލެންޑުގެ ފަނޑިޔާރުގޭގެ ހަތަރު ގޮފީގެ ތެރެއިން މި ދެންނެވި ކޮންސްޓިޓިއުޝަނަލް ކޯޓަކީ އަބަދުވެސް ސިޔާސީ ކަންކަމުގެ ތެރެއަށް އުނދުޅިބާނައި ހަލުވާ ކޯޓެވެ. ގައުމުގެ ސިޔާސީ މައްސަލަތަކުގައި އެންމެފަހު ބަސްބުނާ ކޯޓަކީ މި ކޯޓެވެ. ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި މިކޯޓުން ވަނީ އެތައް އެތައް ބޮޑުވަޒީރުންނެއް މަގާމުން ވަކިކޮށް އެތައް ސަރުކާރެއް ވައްޓާލައިފައެވެ. އެތައް އެތައް ޕާޓީއެއް އުވާލައި އެތައް އެތައް ލީޑަރުންނެއް ސިޔާސީ ދާއިރާއިން ބޭރުކޮށް އަރުވާލައިފައެވެ.

ކޮންސްޓިޓިއުޝަނަލް ކޯޓުން އެންމެފަހުން މަގާމުން ދުރުކުރި ބޮޑުވަޒީރަކީ ސުރެތާ ތަވިސިންއެވެ. އެންމެފަހުން އުވައިލި ޕާޓީއަކީ މޫވް ފޯވާޑް ޕާޓީއެވެ. އެ ޕާޓީއަކީ ހުސްވި 2023 ވަނަ އަހަރު ބޭއްވުނު އާއްމު އިންތިޚާބުގައި ޕާލަމެންޓުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ޕާޓީއެވެ. އެންމެފަހުން ސިޔާސީ ދާއިރާގައި އުޅުން މަނާކުރެވުނު ބޭފުޅަކީ މޫވް ފޯވާޑް ޕާޓީގެ ލީޑަރެވެ. މިއީ މި ޕާޓީއާ ދެކޮޅަށް ކޮންސްޓިޓިއުޝަނަލް ކޯޓުން ހުކުމް ނެރުނު ދެވަނަ ފަހަރެވެ. މޫވް ފޯވާޑް ޕާޓީއަކީ ކުރިން ފިއުޗަރ ފޯވާޑް ޕާޓީއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުން އެ ޕާޓީ އުވައިލީ 2020 ވަނަ އަހަރުއެވެ. ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ޔިންގްލުކް ޝިނަވަޓްރާ މަގާމުން ދުރުކޮށް އެކަމަނާގެ ޕާޓީ އުވައިލީވެސް ހަމަ މި ކޯޓުންނެވެ. އަދި ތަންކޮޅެއްފަހުން ބޮޑުވަޒީރުކަން ކުރެއްވި ޖެނެރަލް ޕްރަޔޫތަކީ ވެރިކަމުގައި ހުންނެވުމަށް ޝަރުތުހަމަނުވާ ބޭފުޅެއްކަމަށް ނިންމައި އޭނާގެ ސިޔާސީ ހަޔާތަށް ނިމުން ގެނައީވެސް ހަމަ މިކޯޓުންނެވެ.

ތައިލެންޑުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ކޮންސްޓިޓިއުޝަނަލް ކޯޓުން އުނދުޅި ބޭނުމުގެ ހާދިސާތައް ގިނަގުނައެވެ. އެއިން ކޮންމެ ކަމެއްގެ ވާހަކަ ލިޔުމަކީ މިކަހަލަ ކުރުލިޔުމެއްގައި ކުރެވޭނޭ ކަމެއްވެސް ނޫނެވެ. އެހެންވެ އެވާހަކަތައް ކުރުކޮށްލީއެވެ. އެކަމަކު ނިންމައިލާނީ ކޮންސްޓިޓިއުޝަނަލް ކޯޓުން 2021 ވަނަ އަހަރު ނިންމި ނިންމުމަކަށް އަލިއަޅުވައިފައެވެ. އެއްޖިންސުން ކައިވެނިކުރުން މަނާކޮށް އެ ކޯޓުން ނިންމިއެވެ. ކައިވެންޏަކީ އަންހެނަކާއި ފިރިހެނެއްގެ މެދުގައި ވެވޭ އަގުދެކެވެ. ކައިވެންޏަކީ ދަރިން ހޯދައި އާއިލާއެއް ބިނާކުރުމަށް އެޅޭ ބިންގަލެކެވެ. އެއްޖިންސުން ކުރެވޭ ކައިވެންޏަކީ ގުދުރަތީ ނިޒާމާ ދެކޮޅަށް ކުރެވޭ ކަމެކެވެ. ކައިވެނީގެ އަސްލު މަގުސަދު ގެއްލޭ ކަމެކެވެ. އެހެންވީމާ އެއްޖިންސުން ކުރެވޭ ކައިވެންޏަކީ ގާނޫނީގޮތުން ހަލާލު ކައިވެންޏަކަށެއް ނުވާނެއެވެ. ކޮންސްޓިޓިއުޝަނަލް ކޯޓުގެ މި ނިންމުމަކީ ތައިލެންޑުގެ ތެރޭގައި ވަރަށް އުދާސްތައް ބޮޑުވި ނިންމުމެކެވެ. އެއްޖިންސުން ގުޅިގެން ތިބި މީހުންނާއި ގުޅެން ބޭނުންވާ މީހުންގެ އަދަދު ގިނަކަމުންނެވެ.