އެޗްޑީސީ

ފިނޭންސުން އެޗްޑީސީ އަށް 94 މިލިއަން ރުފިޔާގެ ލޯނެއް ދީފި

1

ފިނޭންސް މިނިސްޓްރީން އެޗްޑީސީ އަށް 94 މިލިއަން ރުފިޔާގެ ލޯނެއް ދީފި އެވެ. އެޗްޑީސީ އަށް ފިނޭންންސުން މިވަރުގެ ބޮޑު ލޯނެއް ދީފައި މި ވަނީ އެ ކުންފުނީގެ ކޭޝްފްލޯ އާދަޔާ ޚިލާފަށް ދަށްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

"ވަން އޮންލައިން" އަށް ކަށަވަރުވެފައިވާ ގޮތުގައި ފިނޭންސުން މި ފައިސާ އެޗްޑީސީ އަށް ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި މި ލޯނު އެޗްޑީސީ އަށް ދިނީ ކުންފުނީގެ ކޭޝްފްލޯ ރަނގަޅު ކުރުމަށް ޓަކައި އެ ކުންފުނީން އެދިގެން ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ މާލީ ހާލަތު ދަށްވުމުން އެކަން ރަނގަޅު ކުރުމަށާއި އެކި ކަހަލަ ކެޕިޓަލް ޚަރަދުތަކަށް ވެސް ފިނޭންސުން އެ ކުންފުނިތަކަށް ލޯނުދެ އެވެ.

އެޗްޑީސީ އަށް 94 މިލިއަން ރުފިޔާގެ ލޯނެއް ފިނޭންސުން ދީފައިވާ އިރު، އެ ކުންފުނީން ރައީސް ޔާމީންގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރި ކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެހެން ނަމަވެސް އެޗްޑީސީން ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

ހުޅުމާލޭ ފޭސް ދެއަކުން ނުއަގުގައި 400 ގޯތި ވިއްކަން ހުޅުވައިލަން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެޗްޑީސީގެ މާލީ ހާލަތު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގޯތިތައް ވިއްކަނީ އެކުންފުނީގެ ކޭޝްފްލޯ ރަނގަޅުކުރަން ކަމަށް ވެސް މިނިސްޓަރު މުއިއްޒު އޭރު ވިދާޅުވި އެވެ.

ގޯތި ފޯމު އެތައް ހާސް ބަޔަކަށް ދޫކޮށް، ބަލައިގަތުމަށް ފަހު، ހައުސިން މިނިސްޓްރީން ވަނީ ދެން އެކަން ކުރިޔަށް ގެންދާނީ އެޗްޑީސީން ކަމަށް ބުނެ ފޯމު ދޫކުރުމާއި ބަލައިގަތުން ހުއްޓާލައިފަ އެވެ. ހަމަ އެދުވަހު އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ގޯތި ވިއްކުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ޚަބަރެއް ވެފައެއް ނުވެ އެވެ.

އެޗްޑީސީން ނުއަގުގައި ގޯތި ވިއްކަން އުޅޭ މައްސަލައިގައި އެކަން ހުއްޓުވައިދިނުމަށް އެދި ކުންފުނީގެ 180 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ޕެޓިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ. އެ މުވައްޒަފުން ބުނެފައިވާ ގޮތުގައި ކުންފުނީގެ މާލީ ހާލަތު ދަށްވި ކަމަށް ބުނެ ނުއަގުގައި ގޯތި ވިއްކުމަކީ އެޗްޑީސީ އަށް އިއާދަ ނުކުރެވޭ ފަދަ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟