ދުނިޔެ

ތައިލެންޑުގެ ބޮޑުވަޒީރު ކަމަށް ޕައޭޓޮންތާން ޝިނަވަތްރާ އިންތިހާބުކޮށްފި

މުހައްމަދު އައުޒަމް

ތައިލެންޑުގެ އާ ބޮޑުވަޒީރު ކަމަށް ޕައޭޓޮންތާން ޝިނަވަތްރާ އިންތިހާބުކޮށްފިއެވެ.

ތައިލޭންޑުގެ ގާނޫން ހަދާ މަޖިލީހުގައި އިއްޔެ ނެގި ވޯޓުން ޕައޭޓޮންތާން ޝިނަވަތްރާ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ ވޯޓުލީ 493 މެމްބަރުންގެ ތެރެއިން 319 މެމްބަރުންގެ ވޯޓުންނެވެ.

ތައިލެންޑުގެ އާ ބޮޑުވަޒީރު ކަމުގެ އިންތިހާބުގައި ހުށަހަޅާފައިވަނީ ޕައޭޓޮންތާން ޝިނަވަތްރާގެ ނަން އެކަންޏެވެ.

ޕިއޫ ތައި ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި ހުންނެވި ޕައޭޓޮންތާން ޝިނަވަތްރާއަކީ ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ޓަކްސިން ސިވަނަތްރާގެ އެންމެ ހަގު ދަރި ކަނބަލުންނެވެ.

އުމުރުން 37 އަހަރުގެ ޕައޭޓޮންތާން ޝިނަވަތްރާ އިންތިހާބު ކާމިޔާބު ކޮށްފައިވާ އިރު، އޭނާ އެ މަގާމުގެ ހުވާ ކުރައްވާނީ އެގައުމުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯން ރަސްމީކޮށް ބޮޑުވަޒީރު ކަމަށް ޕައޭޓޮންތާން ޝިނަވަތްރާ އައްޔަން ކުރެއްވުމުންނެވެ.

މަގާމާ ހަވާލުވެވަޑައިގެންނެވުމާ އެކު ޕައޭޓޮންތާން ޝިނަވަތްރާ ވެގެންދާނީ ތައިލެނޑުގެ ބޮޑުވަޒީރުގައިގެ މަގާމު ލިބިވަޑައިގެންނެވި ދެވަނަ އަންހެން ބޭފުޅާއަށެވެ.