ފ. ނިލަންދޫ

ހެނދުނުއްސުރެ ނިލަންދޫގައި ކަރަންޓެއް ނެތް، ރައްޔިތުންނަށް އެތައް ދަތިތަކެއް

އަލީ އިހްސާން

މިއަދު ހެނދުނުއްސުރެ ނިލަންދޫގައި ކަރަންޓު ނެތި ރައްޔިތުންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފ. ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލު "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދު ހެނދުނު 10:30 އިންޖީނުގޭގައި ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރަމުން ގެންދާ ތިން އިންޖީނުގެ ތެރެއިން 400 ކިލޯވޯޓުގެ އިންޖީނުގެ ޑައިނަމޯ ހަލާކުވެފައިވާ ކަމަށެވެ.

އެކަމުގެ ސަބަބުން ޕެނަލަށް މައްސަލަތަކެއް ދިމާވެ، ޕެނަލްގައި ހުންނަ ހަތަރު މޮޑިއުލްގެ ތެރެއިން ދެ މޮޑިއުލް ހަލާކުވެ، އަނެއް ދެ އިންޖީނު މެދުވެރިކޮށް އެއްކޮށް ޕެނަލުން ކަރަންޓް ދެވޭނެ ގޮތެއްނެތް ކަމަށެވެ. އެހެންކަމުން މިހާރު ކަރަންޓު ދެމުންގެންދަނީ 400 ކިލޯވޯޓުގެ އެއް ޖަނަރޭޓަރު މެދުވެރިކޮށް ހަތަރުގަޑިން ހަތަރުގަޑިން ހަތަރު އަވަށަށް ބަހާލައިގެން ކަމަށް ޖަލީލު ވިދާޅުވިއެވެ.

ޖަލީލު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ހަލާކުވި ޖަނަރޭޓަރު، މޯޓަރު ކޮއިލް އޮޅުމަށްޓަކައި މިރޭ 11:00 ގައި މާލެ ފޮނުވާލެވޭނެ ކަމަށާއި ކޮއިލް އޮޅައިގެން ރަށަށް ގެނެވޭނީ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށް ޖަލީލު ވިދާޅުވިއެވެ. ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުގެ އެހީއަށްވެސް އެދިފައިވާ ކަމަށާއި ސަރުކާރުންވެސް މައްސަލަ ހައްލުކުރުމަށްޓަކައި މިހާރު މަސައްކަތްކުރަމުންގެންދާ ކަމަށެވެ.