ގޯލްޑަން ފުޓްސަލް ޗެލެންޖް

ދަރަނބޫދޫ ފައިނަލަށް، ޗެމްޕިއަން ބިލެތްދޫއަށް އަމިއްލަ ބާރު ގެއްލިއްޖެ

މުޙައްމަދު ޝަމްޢޫން

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފ. އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް، ދަރަނބޫދުއާއި ނިލަންދޫން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ދަރަނބޫދޫން ވަނީ އެންމެފަހުގެ ޗެމްޕިއަން ބިލެތްދޫ 2-1 އިން ބަލިކޮށްފައެވެ.

އެމެޗުގެ ނަތީޖާއާއެކު ދަރަނބޫދޫއަށް އަތޮޅު ފައިނަލް ޔަގީންވީ ތިން މެޗުން ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މަގޫދޫ ތިން މެޗުން ހަތް ޕޮއިންޓާއެކު އޮތް އިރު، ބިލެތްދޫ އޮތީ ތިންވަނައިގައެވެ. އެއީ ތިން މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ބިލެތްދޫން ދެން ތާވަލުގެ ފުލުގައި ތިން މެޗުން ޕޮއިންޓެއް ނުލިބި އޮތް ފީއައްޔާ ދެކޮޅަށް ކުޅެން ޖެހޭ އިރު، އެމެޗުން މޮޅުވިނަމަވެސް، މަގޫދޫން ދަރަނބޫދޫ ކައިރިން ޕޮއިންޓެއް ހޯދިޔަސް ބިލެތްދޫ ކަޓާނެއެވެ.

ބިލެތްދޫއާއި ދަރަނބޫދޫގެ ފޯރިގަދަ ކުރިމަތިލުމުގައި ފުރަތަމަ ގޯލެއް ޖަހައި ލީޑު ނެގީ ބިލެތްދޫންނެވެ. އެ ގޯލު ޖެހީ ނަދީފް އިބްރާހީމެވެ. އެ ގޯލާއެކު ބިލެތްދޫން ލީޑުގައި ކުޅެމުން ދަނިކޮށް، ފަހު ހާފުފައި ދަރަނބޫދުއަށް ނަތީޖާ އަނބުރާލަ ދިނީ މުޒްދާން ހަސަނާއި ރަޔާން ރިޔާހު ގޯލު ޖަހައިގެންނެވެ.

އެ އަތޮޅުގައި ކަޓާފައި އޮތް ނިލަންދުއާއި ފީއަލި ކުޅުނު މެޗު، ނިލަންދޫން ކާމިޔާބުކުރީ 3-0 އިންނެވެ. ލުހާމް އަބްދުލް ލަތީފް ދެ ގޯލު ޖެހި އިރު، ދެން ނިލަންދޫއަށް ގޯލު ޖަހައިދިނީ ސައްދާމް ހުސައިނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

މިއަދު ހަވީރު އޮންނަ މެޗުތައް

16:00
ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ފިއްލަދޫ
ގްރައުންޑް 2: ހއ. ބާރަށް - ހއ. ކެލާ

17:00
ގްރައުންޑް 1: ހއ. ވަށަފަރު - ހއ. އިހަވަންދޫ
ގްރައުންޑް 2: ހއ. ދިއްދޫ - ހއ. އުތީމު

މިރޭ އޮންނަ މެޗުތައް

20:00
ގްރައުންޑް 1: ހދ. ހަނިމާދޫ - ހދ. ފިނޭ
ގްރައުންޑް 2: ހދ. މަކުނުދޫ - ހދ. ނޭކުރެންދޫ

21:00
ގްރައުންޑް 1: ހދ. ކުމުންދޫ - ހދ. ނައިވާދޫ
ގްރައުންޑް 2: ހދ. ވައިކަރަދޫ - ހދ. ނޮޅިވަރަން

22:00
ގްރައުންޑް 1: މ. ވޭވަށް - މ. ދިއްގަރު
ގްރައުންޑް 2: މ. މުލަށް - މ. މަޑުއްވަރި

23:00
ގްރައުންޑް 1: މ. ނާލާފުށި - މ. ކޮޅުފުށި